ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ބަންޑާރަނައިބު އުނިކުރަން ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރެއްވީ މިއަދު އެވެ. މި އިސްލާހު ތަސްދީގު ކުރުމުން ވަނީ ގެޒެޓްގައި ޝާއިޢު ކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބާކައުންސިލްގެ އެކްސްކޯއިން އޭޖީ ވަކިކުރުމަށް ހުށަހަޅާފައިވާއިރު ދެން ބަދަލު ގެނެސްފައިވަނީ، ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރުގެ ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށެވެ.
މީގެއިތުރުން މި އިސްލާހުގައި ބުނެފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު މަޤާމުން ވަކިކުރެވޭނީ، ޤާނޫނީ ވަކީލުންގެ ތެރެއިން 100 އަށްވުރެއް މަދުނޫން އަދަދެއްގެ ވަކީލުން އެކަން ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުން، އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅަދެބައި އަޣުލަބިއްޔަތުން ފާސްކުރުމުން ކަމަށެވެ.