މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގދ. ގައްދޫން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި ރޭ ފަތިހު ފެނިއްޖެ އެވެ.
އެ ދޯނީގައި ތިބި ފަސް މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން މިއަދު ބުނީ "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯނި ފެނުނީ ރޭ ފަތިހު 4:00 ހާއިރު، ގއ.ވިލިނގިލީގެ އިރު އުތުރުން 48 މޭލު ބޭރުން ކަމަށެވެ. އެ ދޯނި ފެނުނު އިރު އޮތީ އިންޖީނު ހުއްޓިފައި ކަމަށް ބުންޏެވެ.
ކޯސްޓްގާޑުން މިހާރު އަންނަނީ އެ ދޯނީގެ ވެރިފަރާތާ ގުޅިގެން ކައިރި ރަށަކަށް ދޯނި ބަނދަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގައްދޫން ހުޅުމާލެއަށް ދިއުމަށް އެ ދޯނި ފުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:00 ހާއިރެވެ. އޭގެ ފަހުން ފުލުހުންނަށް އެ ދޯންޏާ އެންމެ ފަހުން ގުޅުނީ އެ ރޭ ދަންވަރު 2:40 ހާއިރެވެ.