މެލޭޝިއާގެ ޓްވިން ޓަވަރސް އަށް ރައީސް ޒިޔާރަތްކުރައްވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 7 ގަޑިއިރު ކުރިން - 29 އޭޕްރިލް 2025 11:24
ރައީސް ޑރ.މުޢިއްޒު ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ޒިޔާރަތް ކުރެއްވުން.
ރައީސް ޑރ.މުޢިއްޒު ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ޒިޔާރަތް ކުރެއްވުން.
ޚުލާސާ

މެލޭޝިއާގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ މި ޢިމާރާތަކީ 2004 ވަނަ އަހަރާއި ހަމަޔަށް ދުނިޔޭގައި ހުރި އެންމެ އުސް ޢިމާރާތް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓްވިން ޓަވަރސް އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ މި މި ޓަވަރަށް ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ މުހިންމު ތަންތަން ބައްލަވާލައްވާފައެވެ. އަދި ޕެޓްރޮނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންއާއި، ފަންނުވެރިކަމާބެހޭ ގިނަ މަޢުލޫމާތުތަކެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ މި އިމާރާތަކީ 452 މީޓަރުގެ އުސް ޢިމާރާތެކެވެ. އަދި މިއީ މެލޭޝިއާގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ އިމާރާތެކެވެ. 1992 ވަނަ އަހަރު ޕްލޭނިންގ މަސައްކަތް ފެށި މި ޢިމާރާތް ނިންމައި ހުޅުވީ 1999 ވަނަ އަހަރުއެވެ. 2004 ވަނަ އަހަރާ ހަމައަށް މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ.

މި އިމާރާތުގެ ފަރުމާއިން އިސްލާމީ ފަރުމާކުރުމުގެ ވައްޓަފާޅިއާއި މެލޭޝިއާގެ ސަގާފަތް ރަމްޒުކޮށްދެއެވެ. އަދި މިއީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް މަންޒިލެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%