ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ޓެން ސްރީ ވިންސެންޓް ޓެން ޗީ ޔިއޫޏް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ވިންސެންޓް ޓަން އަކީ ކުރިން ބިލިއަނަރެކެވެ. 2010 ވަނަ އަހަރު ފޯބްސްގެ ބިލިއަނަރުންގެ ލިސްޓްގައި އޭނާ ހިމެނުނެވެ. އޭރު އޭނާގެ މިލްކިއްޔާތުގައި 1.6 ބިލިއަން ޑޮލަރު ހުއްޓެވެ.
މެލޭޝިއާގެ ނަން މަޝްހޫރު މި ބިލިއަނަރު ވިޔަފާރިަފާރިވެރިޔާ އަކީ ބަރްޖާޔާ ކޯޕަރޭޝަން ބަރްހާދްގެ ބާނީއެވެ. 1952 ވަނަ އަހަރު ޖޮހޯރުގެ ބަޓު ޕަހަޓްގައި އުފަން ޓެން ވަނީ ޕްރޮޕަރޓީ ޑިވެލޮޕްމަންޓް، ގޭމިންގ، ރީޓެއިލް، ހޮސްޕިޓަލިޓީ އަދި ފައިނޭންޝަލް ސަރވިސަސް ފަދަ ދާއިރާތައް ހިމެނޭ ބޮޑު ވިޔަފާރި އިމްޕަޔަރެއް ބިނާކޮށްފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި އޭނާ މަޝްހޫރުވެފައިވަނީ އިނގިރޭސިވިލާތުގެ ކާޑިފް ސިޓީ ފުޓްބޯޅަ ކްލަބްގެ ވެރިފަރާތުގެ ގޮތުގައެވެ.
ރައީސްގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި، އެފަދަ ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ ވަނީ އެކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާއި މެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، ވަޔާއި ކަނޑުގެ މަގުން ރާއްޖެ ގުޅިފައިވާ މިންވަރުގެ މައްޗަށް ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުންވެސް އެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އިތުރުން، މި ބައްދަލުވުމުގައި، އެ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، ސަޔެދް ޢަލީ ޝަހުލް ޙަމީދުގެ އިތުރުން، ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެން ބައިވެރިވެވަޑައިގެންނެވިއެވެ.