ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް "އަންހެނުންގެ ސައްލާ"ގެ ނަމުގައި ހާއްސަ ސެމިނާއެއް މިއަދު ފަށައިފި އެވެ.
އިސްރަށްވެހިންގެ ނާދީގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި މި ސެމިނާ ޝަރަފްވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
"އަންހެންވެރިންގެ ސައްލާ" އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، ލޯކަލް ގަވަނެސް މިނިސްޓްރީން އިންތިޒާމުކޮށްފެން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
އެ ސެމިނާގައި މާލެ އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅު އަދި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި, އެ ސައްލާ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމެވެ.
އެ ސެމިނާގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސެމިނާ ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށެވެ.