"މޯލްޑިވިއަން އިވްނިން 2025" ޑުބާއީގައި ބާއްވައިފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 29 އޭޕްރިލް 2025 05:54
ޑުބާއީގައި ކުރިޔަށްދާ ފެއާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރާއި ފެއާގައި ބައިވެރިވި ބައެއް ދިވެހިން ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: އެމްއެމްޕީއާރްސީ
ޑުބާއީގައި ކުރިޔަށްދާ ފެއާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރާއި ފެއާގައި ބައިވެރިވި ބައެއް ދިވެހިން ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: އެމްއެމްޕީއާރްސީ
ޚުލާސާ

"އަރަބިއަން ޓްރެވަލް މާކެޓް 2025" ކުރިއަށްދާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން "މޯލްޑިވިއަން އިވްނިން 2025"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ދުބާއީގައި ރޭ ބާއްވައިފިއެވެ. ރާއްޖެ އިޝްތިހާރު ކުރުމުގެ މި ހަރަކާތް އޮތީ ދުބާއީ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޮޑާ)ގައެވެ.

"އަރަބިއަން ޓްރެވަލް މާކެޓް 2025"ގެ ހަވާސާގެ ތެރެއިން ބޭއްވުނު މި ހަރަކާތުގައި ރާއްޖޭގެ ސަގާފަތާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ލަގްޒަރީ މަންޒިލެއްކަން ދައްކުވައިދޭ ގިނަ ކަންތައްތަކެއް ހިމެނުނެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު، "ދިވެހި ޑްރީމްސް" ގެ ނަމުގައި ކުރު ފިލްމެއްގެ ޕްރިމިއާ އަދި "ދޮން ހިޔަލައާއި އަލިފުޅު"ގެ ތަމްސީލެއް ހިމެނެއެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރު ޖާދުالله އިސްމާއީލްގެ ޑިޒައިންތަކުން ރާއްޖޭގެ ސަގާފީ ހެދުންތައް ދައްކުވައިދޭ ފެޝަން ޝޯއެއްވެސް ބޭއްވިއެވެ. އަދި 'ސްކައި ރޮކް' ބޭންޑުން ވަނީ 'ސަމުގާ' ފަދަ މަޝްހޫރު ލަވަތަކެއް ހުށަހަޅައިފައެވެ.

ރާއްޖޭގެ މަޝްހޫރު އާޓިސްޓު އަލީ އިޝާން (ކުރަހާ ރާއްޕެ) ވަނީ ސްޓޭޖް މަތީގައި އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކުރަހައި، އޯޑިއެންސްގެ ސަމާލުކަން ހޯދައިފައެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސިނާއަތާއި ގުޅުންހުރި ގިނަ ބަޔަކު ބައިބެރިވި މި އިވެންޓުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، ރާއްޖޭގެ ސަގާފަތުގެ ކުޑަކުޑަ މިންވަރެއް ހިއްސާކުރުމަށް ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ފަހަކަށް އައިސް ކުރިއަށް ގެންގޮސްފައިވާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

"އަރަބިއަން ޓްރެވަލް މާކެޓް 2025" ކުރިއަށްދާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%