ޒުވާނުންގެ އިހުތިޖާޖަށް ސިޔާސީ މީހުން ވަދެ ކޮންޓްރޯލް ނަގައިފި

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 27 އޭޕްރިލް 2025 15:40
ޒުވާނުންގެ އިހުތިޖާޖަށް ސިޔާސީ މީހުން ވަދެ ކޮންޓްރޯލް ނަގައިފި.
ޒުވާނުންގެ އިހުތިޖާޖަށް ސިޔާސީ މީހުން ވަދެ ކޮންޓްރޯލް ނަގައިފި.
ޚުލާސާ

އިޚްލާޞްތެރިކަމެއް ހުރިނަމަ، މީހަކު މަރާއި ހަނގުރާމަ ކުރަމުންދާއިރު، މިއީ ސިޔާސީ ކަނޑިތައް އުރައިން ދަމަންވީ ވަގުތެއް ނޫން! މިއީ އިޚްލާޞްތެރިކަމާއެކު އިންޞާފް ހޯދުމަށް އެއްބާރުލުން ދޭންވީ ވަގުތު!

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ޒުވާން ހައްވާ ޔުމްނު ރަޝީދު ވެއްޓި، ކުރިމަތިވި ހިތްދަތި ހާދިސާއާއެކު އޭނާގެ އެކުވެރިން ބުނީ އިންސާފު ހޯދުމަށް އަވަސްވެގަތީ އެދުވަހު އިރު އަރަމުން ދިޔަވަރަކަށް އެ ހާދިސާގެ ވަށައިގެން ހުރީ ޖަވާބެއް ނުލިބޭ އެތައް ސުވާލުތަކެއް ކަމަށް ބުނެއެވެ. އޭނާ ވެއްޓުނީ ހެއްޔެވެ؟ ނުވަތަ އެއަށްވުރެ މާ ގޯސް ކަމެއް ދިމާވީ ހެއްޔެވެ؟ މިއީ ޒުވާނުންގެ ހިތަށް އަރަމުން ދިޔަ ސުވާލުތަކެވެ. އެ އޮޅުންބޮޅުން ބޮޑު ސޯޝަލްމީޑިއާ ޕޯސްޓުތަކާއި، ޝައްކު ކުރެވޭ ކަންކަން ހުރިކަމަށް ބުނާ ވީޑިއޯ ފޫޓޭޖުތަކާއި މޯޑޮއާގައި ދައުރުވި ވާހަކަތަކުގެ ސަބަބުން ޒުވާނުންގެ ރުޅިވެރިކަން އިތުރަށް ގޯސްވެގެން ދިޔައެވެ.

ފަންޓޯނިއާގައި ކުޑަ ފެންލައިޓެއްގެ ތެރެއިން ޔުމްނު ވެއްޓުނު ކަމަށް ފުލުހުން އިއުލާން ކުރުމުން އެ ވާހަކަ އެގޮތަށް ގަބޫލު ނުކޮށް ޔުމްނުގެ ރައްޓެހިންނާއި ޒުވާނުން ވަގުތުން މަގުމައްޗަށް ނުކުމެ، އިންސާފު ހޯދައިދިނުމަށް އިހުތިޖާޖު ކުރިއެވެ. އެމީހުން ޑިމާންޑް ކުރީ އިންސާފު ހޯދާށެވެ. ނަމަވެސް، ފަހުން ފްރޮންޓްލައިނަށް ސިޔާސީ ބަޔަކު ވަދެ މުޅި އެތި ސިޔާސީ ކޮށްލައިފިއެވެ. މިއީ ޒުވާނުން އެދޭ ގޮތެއް ނޫނެވެ. ޒުވާނުން ބޭނުންވީ އިންސާފެވެ.

ނަމަވެސް، ޔުމްނުގެ ރައްޓެހިން އިންސާފަށް އެދި ކުރި އިހްތިޖާޖްގެ ތެރެޔަށް ސިޔާސީން ވަދެ، އޭގެ ކޮންޓްރޯލް ނަގައި، މުޅި އިހްތިޖާޖް ހައިޖާނަކަށް ބަދަލުކޮށްފިއެވެ. ޒުވާނުން ބޭނުންވީ މަސްލަޙަތު ނަގައިލާކަށް ނޫނެވެ. ޒުވާނުން ބޭނުންވީ އިންސާފެވެ. އެކަމާއި ގުޅިގެން އެ ޒުވާނުންނާއި ސިޔާސީ މީހުންގެ މެދުގައި ވަރަށް ބޮޑެތި ނުތަނަވަސްކަމެއް މިހާރު ވަނީ އުފެދިފައެވެ. ޔުމްނުގެ އާއިލާ އަދި ރައްޓެހިން މި އިހުތިޖާޖުތައް ސިޔާސީ ކުރަން ބޭނުން ނުވާއިރު، މިކަމަކީ ސީދާ އިދިކޮޅު ފަރާތްތަކުން ދަނޑިވަޅު ބަލާފައި ސިޔާސީ މަންފާއެއް ޙާޞިލްކުރަން ކޮށްގެން އުޅޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ޒުވާނުންގެ އަޑު އައްސަވާފައެވެ. އެންމެ ކުރިން ވެސް އެމަނިކުފާނު ބޭނުންފުޅުވި ގޮތަކީ އެމައްސަލައިގައި ހިމެނޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އެހެންވެ، އަވަސް އަވަހަށް މިނިވަން ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، ކުރީގެ އެޓާނީ ޖެނެރަލް ޑރ.މުހައްމަދު މުނައްވަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަދި ވައިސް ޗީފް އަޙްމަދު މުޙައްމަދުގެ އިތުރުން ކަށީގެ ޚާއްޞަ ޑޮކްޓަރު ޑރ.މުހައްމަދު ހަބީބު ވެސް ހިމަނުއްވައިގެންނެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު، ކަށީގެ ޑޮކްޓަރު ހަބީބު އަދި ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު.

ޤާނޫނު ތަންފީޛުކުރުމުގެ ބާރުތަކުން “ރިޔާސީ ދަގަނޑު އަމުރު” ނަންބަރު 11/2025 ގެ ތާއީދާއެކު، ކޮމިޝަނަށް ޙަވާލުވެފައިވަނީ މައްސަލައިގެ ހަފަރާތުން ވެސް ހޯދައި ބަލައި، މުޅި މައްސަލައިގެ ހަގީގަތް ހާމަކުރުމެވެ. ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެ މީހަކު ބައިވެރިވިޔަސް، ހާވަން ޖެހުނު ކޮންމެ ތަނެއް ހާވައި، ބަލައި، ފުރޮޅައިގެންވެސް ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ކަން ވީ ގޮތް ބެލުމަށާއި އެކަމުގައި އުޅުނު ބަޔަކު ހޯދައި ޢަދާލަތުގެ ކުރިމައްޗަށް ގެނެސް ޢަދުލު އިންޞާފް ޤާއިމް ކުރުމަށެވެ. އެމަނިކުފާނު މިއަދު ވިދާޅުވި ބަސްފުޅެވެ.

"އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެމީހާ ފޮރުވުމަށްޓަކައި ނުވަތަ އެމީހާއާ ދޭތެރޭ ތަފާތު ކުރުމަށް މިހާރު މި އެލިގޭޝަން އޮތް ގޮތަށް ކަވާ ކުރަނީއޭ ކިޔާ ސީރިއަސް ކޮންސާންސްތަކެއް އެބަހުރި ޚާއްޞަކޮށް ޒުވާން ކުދިންގެ މެދުގައި" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޒުވާނުންގެ އަޑު ރައީސް އައްސަވާ، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަކީ ސާފު އިޝާރާތެއް: އިހުމާލު ތަހައްމަލު ނުކުރެވޭނެއެވެ. ވީގޮތަކާއި ކުރީ ކޮންކަމެއްކަން ވެސް އެނގޭނީ ބިތުފަންގި ނެގުމުންނެވެ، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން މިހާރު ފުލުހުންގެ މުއައްސަސާ ގާތުން ބަލަމުން އަންނައިރު، ޕްރޮސިކިއުޓަރު ޖެނެރަލް އެ ވަނީ ފުލުހުންގެ ޢަމަލުތަކާއި ގުޅޭ ދެފުށް ފެންނަ، ކިލަނބެއް ނުވާ ނަޒާޙަތްތެރި ޕެރެލަލް ތަޙްޤީޤެއް ފަށާފައެވެ.

އަޅުގަނޑުމެން ބަލަންވީ ކަމަކީ، އަދި މިނެކިރަންވީ ކަމަކީ ވެސް ކަންކަން ކުރަމުންދާ ގޮތާއި ވަމުންދާ ގޮތެވެ. މިއީ ސިޔާސީ ކުރަންވީ ކަމެއް ވެސް ނޫނެވެ. މިއުޅެނީ ބަޔަކު މީހުން މިކަމުގައި ގޯހެއް ހަދާފައިވޭތޯ އާއި ކުރީ ކޮން ކަމެއްތޯ އާއި އަދި އެކަން ކުރި ބަޔަކާއި އެ މަޤްޞަދު އޮޅުންފިލުވައި އެބަޔަކު އިންޞާފްގެ ކުރިމައްޗަށް ގެންނާށެވެ. އަނިޔާވެ، މަރާއި ހަނގުރާމަކުރަމުންދާ އެ ޒުވާނާ ކެއި އެއްޗަކާއި ބުއި އެއްޗެއް އަދި ހިންގި ޢަމަލުގެ ވާހަކަ މިވަގުތު ދެއްކުމުގެ ބަދަލުގައި އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ މިއީ ސާފު ހިތަކާއިގެން ދުޢާކުރަންވީ ވަގުތެވެ.

އިޚްލާޞްތެރިކަން ހުރި ބަޔަކުނަމަ މިވަގުތު ސިޔާސީ ކަނޑި އުރައިން ދަމައިގެން މަގުމައްޗަށް ނުކުމެ ހައިޖާނު ކުރާކަށް ނޫޅޭނެއެވެ. މިއީ މާ ޚައްޞާޞް ވަގުތެކެވެ.

އެކުއްޖާ ރާއްޖެއިން ބޭރުގައި ޝިފާއެއް ލިބޭތޯ ހަނގުރާމަކުރަމުން ދަނީއެވެ. މިއީ މިކަހަލަ ކޭސްތަކުގައި މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. ވާހަކަ ދައްކަން ވާނީ ކަން އޮތް ގޮތަށް ސީދަލަށެވެ.

ޔުމްނުގެ އެކުވެރި ޒުވާނުންނޭވެ! ގާތް ރައްޓެހިންނޭވެ! އަދި މި ޤައުމުގެ ރައްޔިތުންނޭވެ! އިންސާފު ހޯދަން ނުކުތް ބައެއްގެ ތެރެއަށް ހައިޖާނުކުރާ ބަޔަކު ވައްދައިގެން މި މައްސަލަ އިތުރަށް ގޯސްވެ، އިންސާފަށް އެދި ގޮވާ ޒުވާނުން ވެސް އެންމެފަހުން ސިޔާސީންގެ އައްޑަނަޔަކަށް ހަދައި ކުޑަ ގޮޅިއަށް ފޮނުވާލަން ޖެހޭ މަންޒަރު ނަލަން ބޭނުމެއް ނުވެއެވެ. އިންސާނުންނަކީ ޖަޒުބާތު އުތުރިއަރާނެ ބަޔެއްކަން ދަންނާން އެބަ ޖެހެއެވެ. ސިޔާސީ މީހުންގެ މަކަރުވެރި މަޅިން ސަލާމަތްވާށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%