ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 27 އޭޕްރިލް 2025 15:00
ޕޮލިސް ކޮލެޖުން ހިންގި ދެ ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް
ޕޮލިސް ކޮލެޖުން ހިންގި ދެ ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް މިއަދު ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އެ ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައި ވަނީ ސެންޓަ ފޯ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ހިންގި ސަޓިފައިޑް ޓްރެއިނާ ކޯސް (ބެޗް 11) އާއި ސެންޓަ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒްއިން ހިންގި އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިން (ބެޗް 1) ފުރިހަމަ ކުރި ފުލުހުންނަށް ކަމަށެވެ.

ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ އެވެ.

ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 23 އިން މިދިޔަ ނަހުގެ 9 އަށް ކުރިޔަށް ގެންދިޔަ ސަޓިފައިޑް ޓްރެއިނާ ކޯހަކީ ފުލުހުންގެ ތަމްރީނުދިނުމުގެ ހުނަރު ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ. އަދި އެ ކޯހުގައި ބައިވެރިވި 25 ފުލުހުންގެ ތެރެއިން 22 ފުލުހުން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ބުންޏެވެ.

މިދިޔަ މަހު 20 އިން މި މަހު 24 އަށް ކުރިޔަށް ގެންދިޔަ އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިން ކޯހުގައި ބައިވެރިވި 30 ފުލުހުން ވެސް އެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށާއި އެ ކޯހުގައި ޑިޖިޓަލް ފޮރެންސިކްސް އާއި ސައިބާ ސެކިއުރިޓީ އަދި ހެކި ބެލެހެއްޓުމުގެ އުސޫލުތަކަށް އަލިއަޅުވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ހިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރު މުއްދަތާއި ދިގު މުއްދަތުގެ ތަފާތު ކޯސްތައް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%