ހަތިޔާރު ގެންގުޅެވޭނީ ހަމައެކަނި ޒައެނިސްޓުންނަށް ކަމަށާއި، ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ޙަމާސް ޖަމާޢަތުން ހުށަހަޅާފައިވާ އެއްބަސްވުމަކަށް ޒައެނިސްޓް ޔަހޫދީން އިންކާރުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
ޙަމާސް ޖަމާޢަތުން ހުށަހަޅާފައިވަނީ 5-7 އަހަރަށް ހަމަލާތައް މެދުކަނޑާލުމަށެވެ. ނަމަވެސް އިސްރާއީލްގެ ޒައެނިސްޓުންގެ ޝަރުތަކީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ޔަހޫދީންނެވެ. ޙަމާސްގައި ހަތިޔާރު ހުރެގެން ނުވާނެއެވެ. މިކަމުގެ ރައްދުގައި ޙަމާސްއިން ބުނެފައިވަނީ ހަތިޔާރު ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޠާހިރު އަލް-ނޫނޫ ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާއި އަދި ހުށަހަޅާފައިވާ މުއްދަތާއި މެދުގައި އިޢުތިރާޟެއް ނެތް ކަމަށެވެ. އަދި ހަމަލާތައް ދިގުމުއްދަތަކަށް މެދުކަނޑާލުމާއިމެދު މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
އެހެންނަމަވެސް، ޔަހޫދީ ޒައެނިސްޓުންގެ ޚާރިޖީ ވުޒާރާއާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 59 އަސީރުން މިނިވަންކޮށް، އެ ޖަމާޢަތުން ހަތިޔާރު ތިރިކުރުމުން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ޔަހޫދީ ސަރުކާރުން ހުއްޓައިލާނެއެވެ. ނަމަވެސް، އިސްރާއީލުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޣައްޒާގެ ތަންތަނަށް ވަދެ ބަލައި ފާސްކުރެވޭނެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް 61,700 މީހުން ޝަހީދުވެ، 116,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ މުޅިން ފަނާވެ، ރައްޔިތުން ބަނޑަށް ޖެހިފައި ތިބޭތާ 8 ހަފްތާ ވަނީއެވެ. މި ބަނޑުހައިހޫނުކަމުގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ޔަހޫދީންގެ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަން ފާހަގަކުރެވެއެވެ.