ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ފުރާވަޑައިގެންފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 27 އޭޕްރިލް 2025 11:04
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފި.
ޚުލާސާ

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެޤައުމުގައި ތިބި ދިވެހިންނާއި ވެސް ރައީސް ބައްދަލުކުރައްވާނެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.

އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނެ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%