ރޭޕާއި ގުޅިގެން އިންސާފު އޮޅާލުމާއި، ދެ ސަރުކާރުގެ ތަފާތު

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 27 އޭޕްރިލް 2025 11:29
އެމްޑީޕީގެ ސަރުކާރުގައި ސަފާރީ ރޭޕް ކޭހަށް އިންސާފު ލިބިފައި ނުވޭ. ސަބަބަކީ އެއީ މަޖިލިސް މެންބަރެއްގެ ފިރިމީހާ ވުމުން.
އެމްޑީޕީގެ ސަރުކާރުގައި ސަފާރީ ރޭޕް ކޭހަށް އިންސާފު ލިބިފައި ނުވޭ. ސަބަބަކީ އެއީ މަޖިލިސް މެންބަރެއްގެ ފިރިމީހާ ވުމުން.
ޚުލާސާ

ރޭޕް ކޭސްއާއި ގުޅިގެން ކުރީގެ ސަރުކާރުން ސިޔާސީ ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް އިންސާފުގެ މަތީގައި އަތްއަޅައި ފޮރުވާލިއިރު،މިއަދު ފެންނަނީ އިންސާފު ހޯދައިދޭން ޕީއެންސީ ސަރުކާރުން މަސައްކަތްކުރާ މަންޒަރު.

ޒުވާން އަންހެނުންނަށް ތަހަންމަލުކުރަން ދަތި “މުސީބާތެއް” ކުރިމަތިވެފައިވާ ތަފާތު ދެ މައްސަލައެއްގައި އެމް.ޑީ.ޕީ ސަރުކާރުގެ އިހުމާލާއި ޕީ.އެން.ސީގެ ވެރިކަމުން ދައްކަމުންދާ ގޮތް.

2020 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކެންޔާގެ އަންހެނަކަށް ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކޮށް، ތޭޕް ކުރުމަށްފަހު އެއްލައިލިއެވެ އެ އަންހެންމީހާ ހިމާޔަތްކޮށް އޭނާއަށް އިންސާފު ކަށަވަރު ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ވެރިކަމުގައި ހުރިހާ ދިމާލަކުން ވެސް ބާޒުތަކެއް އައިސް އިންސާދު ޖަހައިގެން ދިޔަ މަންޒަރެވެ. ފުލުހުންގެ ތެރޭގައި އޮތީ ބޮޑެތި އިހުމާލުތަކެވެ. ގަސްދުގައި ކަމެއް ނުވަތަ ބާރުގަދަ މީހަކު އަންގައިގެން މަޖުބޫރުން ކަމެއް ނޭނގެއެވެ. ލީކުވި ވީޑިއޯތަކުން ފެނުނީ ތަހުގީގު ކުރާ އޮފިސަރުން އެ އަންހެންމީހާގެ ވަކީލުންނާ މެދު ސަމާސާކޮށް، އެ އަންހެންމީހާގެ ރަސްމީ ބަޔާން ވެސް ބަދަލު ކުރަން މަސައްކަތް ކުރިތަނެވެ. ބަނގުރަލާއި ކެނަބިސް އާއި ކޮކެއިން އަދިވެސް ޕާޓީ ޑުރަގްސް ބޭނުންކޮށްގެން ތިބި ބަޔަކު އެ އަންހެންމީހާ ރޭޕް ކޮށްލި ކަމުގެ ހެކި ހުރި ނަމަވެސް އެމްޑީޕީން އައްޔަން ކުރި ޕޮލިސް ކޮމިޝަނަރު ވަނީ އެއިން އެއްވެސް މީހެއްގެ ސާމްޕަލް ނަގަން ވެސް ދެކޮޅު ހަދާފައެވެ.

ފުރަތަމަކޮޅު އެ މައްސަލައިގެ ކުރިއެރުން މަޑުމަޑުން ފެނުނެވެ. ފުރަތަމަ ތިން މީހަކު ހައްޔަރު ކުރި ނަމަވެސް ވިދުވަރަކާއެކު ގުގުރިއެއްގެ އަޑު އިވުނުހާ އަވަސް މިނުގައި އެމީހުން ދޫކޮށްލި އެވެ. އެންމެ ފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލައިގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ހެކި ނެތް ކަމަށް ބުނެ އެވެ.

މި ލަދުވެތި ޕްރޮސެސްގެ ތެރޭގައި ރޭޕްގެ ޝިކާރައަކަށް ވެފައިވާ އަންހެނާގެ ހައްގުތައް ފިއްތާލައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޝަކުވާ ހުށަހެޅި ނަމަވެސް އެކަން ވެސް ވީ ސައިބޯނި ބޮއްކަކަށެވެ. އެންމެފަހުން އެ މައްސަލަ އޮއްބައި ކަފުންކޮށް ވަޅުލީ އެ އަންހެން މީހާ ޑީޕޯޓް ކޮށްލާފައެވެ. މިހިސާބުން، އެމްޑީޕީގެ އޭރުގެ ސަރުކާރުން އިންސާފު ހޯދުމަށް ކުރާ ވައުދާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނެވެ. އެމްޑީޕީގެ ވެރިކަމުގައި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ގަދަމީހާ ގަދަވެލީއެވެ.

ދެން މި ވެރިކަމުގައި ހިނގި ހަމަ މިފަދަ އެއްގޮތް ކޭސްއަކަށް ބަލާލަމާ ހިނގާށެވެ. އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓުނީމާ ފުލުހުންގެ މުއައްސަސާ އާއި ޕީޖީން ކަންކުރީ، ކުރީގައި މިދެންނެވި ސަފާރީ ރޭޕް ކޭސްއާއި ބަލާއިރު މުޅިން ތަފާތު ގޮތަކަށެވެ. ޕީޖީން ފުލުހުންނަށް އެންގީ ތަހުގީގު މަރުހަލާގައި ފުލުހުންގެ އޮފިސަރަކު އެއްވެސް މިންވަރަކަށް މިކަމުގައި ގޯހެއް ހަދާފައި ވޭތޯ ތަހުގީގު ކުރުމަށާއި، ގޯހެއް ހަދާފައިވާނަމަ ވަގުތުން ފިޔަވަޅު އެޅުމަށެވެ. މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރުމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިފަހަރު މި ޢަމަލުކޮށްފައި ވަނީ މީގެ ކުރީގެ ވެރިކަމުގައި ޢަމަލު ނުކުރާ ގޮތަކަށެވެ. މައްސަލައިގައި ހިމެނޭ އެއްވެސް މީހަކު ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރިނަމަ އެމީހުންނާއި މެދު ވެސް ފިޔަވަޅު އަޅައި ދަޢުވާ ކުރުމަށެވެ. އަދަބު ލިބޭނެކަން ކަށަވަރުކޮށްލީއެވެ.

ކުރީގެ ސަރުކާރާ ހިލާފަށް ޑރ. މުޢިއްޒުގެ ވެރިކަމުގައި އަމަލުކުރީ ހާމަކަން ބޮޑުކަމާއި އަވަސްކަމާއި އެކުގައެވެ. ނުވަ މީހެއްގެ ފޯނު އަތުލައިގަނެ، ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށް، މިނިވަން އަދި ފުރިހަމަ ތަހުގީގެއް ހިންގުމަށް ރިޔާސީ ފެންވަރުގެ ހާއްސަ ކޮމިޝަނެއް ވެސް އެކުލަވާލައިފި އެވެ.

މީގެއިތުރުން، ރާއްޖެއިން ދެވޭ މިންވަރަށްވުރެ މާއަވަހަށް ފެންވަރު ރަނގަޅު ބޭސްފަރުވާއަކަށް ފުރާޅަށް ވެއްޓުނު އަންހެންމީހާ ބޭނުންވި ވަގުތު، ހުރިހާ ހަރަދެއް ފޫބެއްދުމަށްޓަކައި، ފުރިހަމަ މެޑިކަލް ސަޕޯޓާއެކު މެލޭޝިޔާއަށް ބަދަލުކުރުމުގެ އިންތިޒާމު ސަރުކާރުން ވަގުތުން ހަމަޖެއްސިއެވެ. އޭނާ ސަލާމަތްވެ އޭނާގެ ފުށުން މި ހާދިސާގެ އަސްލު ހޯދަން ސަރުކާރުން ބޭނުމެވެ. މި އޯގާތެރި ޒިންމާދާރު ޖަވާބުން ރައްޔިތުންގެ ކަރާމާތާއި ދިރިއުޅުން އަގުކުރާ ފުންމިން ހާމަވެގެންދެއެވެ.

މީގެ އިތުރުން މިނިވަން އިންސާފުވެރި ތަހުގީގެއް ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާ އިސްތިއުފާ ދެއްވުމާއި، ފުލުހުންގެ މުއައްސަސާ ލީޑް ކުރުމަށް އިސްމާއިލް ނަވީން އައްޔަން ކުރުން ފާހަގަކޮށްލެވެއެވެ.

ދެ ސަރުކާރުގެ މި ސާފު ތަފާތަކީ މިކަމަށް އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. ކުރީގެ ސަރުކާރުން ސިޔާސީ ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް އިންސާފުގެ މަތީގައި އަތްއަޅައި ފޮރުވާލިއިރު، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި މިއަދުގެ ސަރުކާރުން ސާބިތުކޮށްދެނީ ހަގީގީ ލީޑަޝިޕްގެ މާނައަކީ މިފަދަ ހައްސާސީ ކަންކަމުގައި ވީހާ ވެސް އަވަސް ފިޔަވަޅު އެޅުމާއި ޖަވާބުދާރީވުމާއި އޯގާތެރިކަމެވެ.

އިއްޔެ އަޅާނުލެވުނު އިންސާފު މިއަދު ފޯރުކޮށްދެމުން މިދަނީ އިންސާފުވެރިކަމާއެކު، ހާމަކަން ބޮޑު ގޮތެއްގައި، އަދި ޒިންމާދާރުކަމާއެކުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%