އުރުދުންގެ ސަލާމަތަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް މަސައްކަތްކުރި އުރުދުންގެ ބޮޑު ނެޓްވޯކެއް އުރުދުންގެ ސިއްރު ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް އުރުދުން ސަރުކާރުން ބުނެފިއެވެ. އުރުދުންނުން މިގޮތަށް ބުނި ނަމަވެސް އުރުދުން ހައްޔަރުކުރީ އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ލޭއޮހޮރުވުން ތަކަށް ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ދިނުމަށް އުޅުނު ނެޓްވޯކެއް ކަމަށް ވެއެވެ.
އުރުދުންނުން ވަނީ މީގެ ކުރިން އީރާނުން އިޒްރޭލަށް އަމާޒުކުރި މިސައިލްތަކެއް ވެސް އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންގެ އެހީތެރިކަމާއެކު އިޒްރޭލަށް ފޯރުމުގެ ކުރިން ގޮއްވާލާފައެވެ. މިފަހަރު އުރުދުން އަތުލައިގަތް ހަތިޔާރުގެ ތެރޭގައި އަމިއްލައަށް އުފައްދާފައިވާ މިސައިލު ވެސް ހުރިކަމަށް ބުނެފައިވެއެވެ.
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުގައި ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމާއި ގުޅޭގޮތުން ޓްރަމްޕު ދެއްކެވި ހުރިހާ ވާހަކައަކަށް ވެސް ރުހޭކަމަށް ވިދާޅުވިކަމަށްވެއެވެ.
ޖޯޑަން ރަސްގެފާނު ކިންގް ޢަބްދުﷲ-2 އާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރައްވަނީ.
އެހެންނަމަވެސް އުރުދުންގެ ރައްޔިތުން އެކަމާ ނުރުހި ކެކިއަރަން ފެށުމުން ރަސްގެފާނު އެއްބަސްވީ ޣައްޒާގައި ޒަހަމުވާ މީހުން އުރުދުނަށް ގެނައުމަށެވެ. ޣައްޒާގެ ރައްޔިތުން އުރުދުންގައި ވަޒަންވެރިކުރުވަން ބޭނުން ނުވާކަން ހާމަކޮށް ބަޔާނެއް ވެސް ނެރުނުއިރު އުރުދުންގެ ރަސްގެފާނު ޓްރަމްޕާއި ބައްދަލުކުރައްވާ ދެބޭފުޅުން ވާހަކަ ދެއްކެވި ވަގުތު ޢަބްދުﷲ ރަސްގެފާނު ޓްރަމްޕަށް މާބޮޑަށް އަޅުދާސްވެ ފިނިވެފައި އިންނެވިކަން ފާހަގަކުރެވުނުކަމަށް ބުނެ މެދުއިރުމަތީގެ ނޫސްތަކާއި ޢަރަބި ޤައުމުތަކުގެ ރައްޔިތުން ރަސްގެފާނަށް ފާޑުކިޔާފައި ވެއެވެ.
އުރުދުންގެ ޝާހީ ވެރިކަމާއި މިޞްރު ސަރުކާރަކީ، އިޒްރޭލުން ހިންގާ ޤަތުލު ޢާއްމުތަކަށް ސިއްރިއްޔާތުގައި އެހީތެރިވެދޭ ދެޤައުމުކަމަށް ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ފާހަގަ ކުރި ނަމަވެސް އެކަން އެ ދެޤައުމުން ދޮގުކުރެއެވެ. މި ދެޤައުމަކީ ވެސް ފަލަސްޠީނާއި ބޯޑަރުން ގުޅިފައިވާ ދެޤައުމެވެ. އެހެންކަމުން އިޒްރޭލަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި މިދެޤައުމަކީ އެމެރިކާގެ ބައިވެރިން ކަމުގައި އެމެރިކާ ބުނެއެވެ.
އުރުދުން (ޖޯޑަން)ގެ ބޯޑަރާއި ގުޅިފައިވާ ގައުމުތައް ދައްކުވައިދޭ ޗާޓެއް.
އެމެރިކާގެ ނުފޫޛާއި ބިރުދެއްކުމުގެ ސަބަބުން ސައޫދީ ޝާހީ ވެރިކަމުން ވެސް އިޒްރޭލާއެކު ސިއްރިއްޔާތުގައި ގުޅުންތައް ބާއްވާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ. އެހެންނަމަވެސް ސައޫދީ ރައްޔިތުންގެ ނުރުހުން އަމާޒު ވާނެތީ ސައޫދީން ވަނީ، އިޒްރޭލާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރާނީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުވުމުންކަމަށް ބުނެފިއެވެ.
(ނޯޓް) އާޓިކަލް ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް