މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް މިދިޔަ ހޯމަ ދުވަހުއެވެ.
ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލުކުރެއްވިއެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ޒުވާން ޚަޠީބުންނާއި، ޙާފިޡުންނާއި، އިމާމުންނާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.
ޙަރަމްފުޅުގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޑރ. ޞަލާޙުލް ބުދައިރު ވަނީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މާލޭ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވާފައެވެ. އަދި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރެއްވިއެވެ. އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދެއްވުމުގެ އިތުރުން މިއަދުގެ ހުކުރު ނަމާދުވެސް ކުރެއްވީ އެމަނިކުފާނެވެ.
މި ދަތުރުފުޅުގައި މަދީނާ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢީލް މުޙައްމަދާއި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅު ފާހަގަކުރައްވައި ހަނދާނީ ލިޔުމެއް ދެއްވާފައެވެ. 40 އަހަރަށްފަހު މާތްވެގެންވާ 2 ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެ ވަޑައިގަތުމަކީ ދިވެހިންނަށް ލިބުނު ބޮޑު އުފަލަކާއި ޝަރަފެކެވެ.