ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ހަމާސް އޭ ބުނެ ދޮގު ވާހަކަތައް އިސްރާއީލުން ފަތުރަމުންދާ ކަމަށް އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފިއެވެ. އިސްރާއީލުގެ ރަސްމީ މީޑިއާ އޮތޯރިޓީ "އިޒްރޭލީ ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ގަލަންޓް ބުނީ މިދިޔަ އަހަރު އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު، ޣައްޒާގެ ފިލެޑެލްފިޔާ ސަރަހައްދުން ހަމާސްގެ ބޮޑު ބިންގަރާހެއް ފެނުނު ކަމަށް ބުނެ ދެއްކި ފޮޓޯތަކަކީ ދޮގު ފޮޓޯތަކެއް ކަމަށެވެ.
ހަމާސްގެ ޓަނަލް އެއް ކަމަށް ބުނެ އިސްރާއީލުން ދެއްކި ޓަނަލްއެއް: އިސްރާއީލުން ވަނީ އަމިއްލަޔަށް ވަޅުގަނޑުތައް ކޮނެ އެތަންތަނުގައި ހަތިޔާރުތައް ބަހައްޓައި އެއީ ހަމާސްގެ ތަންތަން ކަމަށް ވެސް ބުނެފައި.
ގަލަންޓްގެ ބުނީ، މި ފޮޓޯތަކަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ރާވައިގެން ކުޅުނު ޑްރާމާއެއްގެ ބައެކެވެ. މީގެ މަޤްޞަދަކީ ހަމާސްގެ މައްޗަށް ކާމިޔާބެއް ހޯދުނުކަން ދެއްކުމާއި، އަސީރުން މިނިވަންކުރުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް ދިޔުމަށް ހުރަސްއެޅުމެވެ. ގަލަންޓް އިތުރަށް ހާމަކުރިގޮތުގައި، މި ފޮޓޯތަކުގައި ފެންނަނީ އިސްރާއީލު ސިފައިން އަމިއްލައަށް ކޮނެފައިވާ އެންމެ އެއް މީޓަރު ފުންމިނުގެ ވަޅުގަނޑެކެވެ.
ގަލަންޓް ބުނިގޮތުގައި މިފަދަ އެތައް ދޮގު މަޢުލޫމާތެއް ހަމާސްއާ ދެކޮޅަށް އިސްރާއީލު ސިފައިން ވާނީ އާންމުކޮށްފައެވެ. އޭނާ ފާހަގަކުރިގޮތުގައި ޣައްޒާގެ އާންމުން ޝަހީދުކުރުމާއި އިމާރާތްތައް ވީރާނާކުރުމުގައި އިސްރާއީލަށް ކާމިޔާބު ލިބުނު ނަމަވެސް، ހަމާސްގެ މައްޗަށް ފާހަގަކޮށްލެވޭފަދަ އަސްކަރީ ކާމިޔާބެއް އަދިވެސް ހޯދިފައެއް ނުވެއެވެ.
އިސްރާއީލުގެ ކުރީގެ ސިފައިންގެ ވެރިޔާ ޖެނެރަލް އިސްހާގް ބްރޭކް ބުނެފައިވާ ގޮތުގައި ހަމާސްގެ ބިންގަރާތަކުގެ ތެރެއިން 10 އިންސައްތަ ބިންގަރާވެސް އަދި އިސްރާއީލު ސިފައިންނަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން، ދޮޅު މަސްވަންދެން ހިންގި ހަމަލާތަކުގައި 60,000 އަށްވުރެ ގިނަ އާންމުން ޝަހީދުވީ ނަމަވެސް، ޣައްޒާގެ ބޮޑުބައި އަދިވެސް އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ނޫންކަން އޭނާ ފާހަގަކުރިއެވެ.