ޕީއެންސީން ޑޭޓާ ވަގަށް ނުނަގާ، މައުލޫމާތު ލީކުވީ 2014 ގައި! މިހާރު ހައްލުވެއްޖެ: ދާޚިލީ ވަޒީރު

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 23 އޭޕްރިލް 2025 10:24
ދާޚިލީ ވަޒީރު މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް މިހާރު ވަނީ ރައްކާތެރިކުރެވިފައި ކަމަށް. ވަޒީރު ވިދާޅުވި.
ދާޚިލީ ވަޒީރު މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް މިހާރު ވަނީ ރައްކާތެރިކުރެވިފައި ކަމަށް. ވަޒީރު ވިދާޅުވި.
ޚުލާސާ

ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ލީކުވެ، ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައި އެބަހުރި. މިސަރުކާރަށް އެނގިގެން، މިހާރު ވަނީ ސެކިއުރިޓީ ވަރުގަދަކޮށް، އެކަން ހުއްޓުވާފައި.

ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާ ނަމަވެސް، މި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު އެކަންކަން ހުއްޓުވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވެއެވެ. އަދި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ އެކަން އެނގިގެން މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. މީގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވުމާއި، ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވުން ހިމެނެއެވެ.

މިގެއިތުރުން ވަޒީރު ވިދާޅުވީ މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާފައިވާ ކަމަށެވެ. އަދި ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފަށްޓަވާފައިވެއެވެ. އަދި އީފާސްއަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ޑީއއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނެތްކަން ކަށަވަރު ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ޑޭޓާތައް ކޮމްޕްރޮމައިޒް ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%