އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދަށް ވައިގެ މަގުން ރެއާއި މިއަދު ހަމަަލާދީ، މީހުން ދިރިއުޅޭ ގެއަކަށް ޓާގެޓްކޮށާ ބޮން އަޅައި، އެ ގޭގައި ތިބި 11 މީހުން އަންދާލައި ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފަލަސްޠީނު މަދަނީ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި އެއް ޢާއިލާއެއްގެ ހަތް މީހުން ޝަހީދުވެފައިވާއިރު، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުރި ޓެންޓަކަށް ދިން ހަމަލާއެއްގައި ދެމަފިރިއަކާއި އެ ދެމީހުންގެ ތިން ދަރިން ވެސް ވަނީ ޝަހީދުކޮށްލާފައި ކަމަށް ހަބަރުތައް ބުނެއެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26 މީހުން ޝަހީދުވެ، 60 މީހުން ޒަޚަމްވެފައިވެއެވެ. އަދި ހަނގުރާމަ ފެށުނީއްސުރެ މަދުވެގެން 51,266 މީހުން ޝަހީދުވެ، 116,991 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއާާ ހަވާލާދީ އަލްޖަޒީރާއިން ބުންޏެވެ.
ހުސްވި މާޗް 18 އިން ފެށިގެން 1,890 މީހުން ޝަހީދުވެ، 4,950 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.