މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގެންފި

އާނާ ފަހީމް | 6 ދުވަސް ކުރިން - 21 އޭޕްރިލް 2025 00:49
ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ވަޒީރު ޑރ. ޝަހީމް އަލީ ސައީދާއި އެކު/ ފޮޓޯ: އިސްލާމީ ކަންތަކާ ބެހޭ ވުޒާރާ
ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ވަޒީރު ޑރ. ޝަހީމް އަލީ ސައީދާއި އެކު/ ފޮޓޯ: އިސްލާމީ ކަންތަކާ ބެހޭ ވުޒާރާ
ޚުލާސާ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ރާއްޖެ ވަޑައިގެންފި.

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު މިއަދު ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސެވުމުން މަރުޙަބާ ދެންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާނެއެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާކުރެވިފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށްފަހު ޚާއްޞަ ދަރުހެއް ދެއްވާނެއެވެ. ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%