ކޯޓު އަމުރެއްގެ ދަށުން މުއްތަހަމުގެ ހަށިގަނޑުގެ ފޮޓޯ ނެގުމުގައި އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ އެ މުއައްސަސާއިން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. އެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ފުލުހުން މިހެން ބުނީ، އެމްޑީޕީން ފަތުރަމުންދާ ދޮގު މަޢުލޫމާތުގެ ސަބަބުން ރައްޔިތުންނަށް ޙަޤީޤަތް އޮޅޭތީވެ އެކަމުގައި ޒަމާނުއްސުރެ ފުލުހުން ޢަމަލުކުރަމުންދާ ގޮތް ބުނެދިނުމުގެ ގޮތުންނެވެ.
އެމްޑީޕީން ދަނީ ފުލުހުން އުޅެނީ އެޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު ނުވަތަ މަންދީ އާއި މާޒް ސަލީމްގެ އަންނައުނު ބޭލުމަށްފަހު ފޮޓޯއާއި ސާމްޕަލްތައް ނެގުމަށް ކަމަށް ބުނެ ދޮގު ޚަބަރު ފަތުރައި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ، ޖިނާއީ ތަޙުޤީޤެއްގައި މީހެއްގެ ފޮޓޯ ނަގަން ބޭނުންވާ ނަމަ، ނުވަތަ އަޑުގެ ސާމްޕަލްއެއް ބޭނުންވާ ނަމަ، އެކަން ކުރެވޭނީ އެ މީހެއްގެ ރުހުމުގައި ކަމަށެވެ. އަދި ރުހުން ނުދޭ ނަމަ، އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ކޯޓު އަމުރުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް،" ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ބުނީ، އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން އަޅާކިޔުމަށް ނުވަތަ އަޑަކީ ވަކި އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.