ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ ޝައިޚު އިސްމާޢީލް މުޙައްމަދަށް މިރޭ އަރުވައިފިއެވެ. މިހާރު އުމުރުފުޅުން 90 އަހަރުގެ ޝައިޚު އިސްމާޢީލަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ ރާއްޖޭގައި ހިންގާ ޔުނިވަރސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
ޝައިޚު އިސްމާޢީލް އަކީ މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އެއީ 1970 އިގެ އަހަރުތަކުގައެވެ.
އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގައި ބައިގަރުނަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝޭޚަކީ މާލޭގައި ތޮއިބާ ސްކޫލް އުފެއްދެވުމުގެ އިތުރުން ޕާކިސްތާނުގެ ޔުނިވަރސިޓީތަކުން 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯއްދަވައިދެއްވި ބޭކަލެކެވެ.
ޝައިޚު އިސްމާޢީލްގެ އެހީތެރިކަމާއެކު ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ޑރ. ޢަލީ ޒާހިރު އަދި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ފަދަ މަޝްހޫރު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެހެން ޚިދުމަތްތަކަށް ބަލާއިރު ދީނީ ރޮނގުން 40 ފޮތް ނެރުއްވާފައި ވެއެވެ. އަދި ހުޅުމާލޭގައި އަމިއްލަ ޚަރަދުގައި މިސްކިތެއް ވެސް އިމާރާތްކުރަން ފައްޓަވާފައިވެއެވެ.
ޝައިޚު އިސްމާޢީލް ވަނީ މީގެކުރިން ގޮންޖެހުންތަކާ ކުރިމަތިލައްވައި، ގޭބަންދުގައި ވެސް ދުވަސްތަކެއް ހޭދަކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.