ހުޅުމާލޭގައި ބިދޭސީ މީހެއް އަންހެން ކުއްޖަކާއި ފޮށުމުން އެ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ ބިދޭސީ މީހާއަށް ދަނގަޑު ހޮޅިބުރިއަކުން ހަމަލާދީ ހޭނައްތާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 19:15 ހާއިރު ބޯގަންވިލާ މަގުގައި، ރެހެންދި ސްކޫލް ފަހަތުގައި ހުންނަ އަލިފް މާޓުގައި އުޅޭ ބިދޭސީ މީހެއް އެ އަންހެން ކުއްޖާ ގައިގައި އަތްލުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ނަމަވެސް އަންހެން ކުއްޖާ ގައިގައި އަތްލާން މެދުވެރިވި ސަބަބެއް ނޭނގެއެވެ.
ޚުލާސާ އަށް މަޢުލޫމާތު ލިބުނު ގޮތުގައި މައްސަލަ ހޫނުވެ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ މީހާ ވަނީ އެ މައްސަލައިގައި އެތަނަށް ގޮސް އެ ބިދޭސީ މީހާ ބޮލުގައި ހޮޅި ބުރިއަކުން ޖަހައި އެމީހާގެ ބޯ ފަޅާލައި ހޭނައްތާލާފައެވެ. ބިދޭސީ މީހާއަށް ހަމަލާ ދިނުމުގައި އިތުރު ފިރިހެނެއްވެސް ބައިވެރިވެފައި ވެއެވެ.
އަނިޔާވި ބިދޭސީ މީހާއަށް މިވަޤުތު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާ އެމްބިއުލާންސްގައި ގެންގޮސްފައިވަނީ 19:33 ހާއިރުއެވެ.
ބިދޭސީ މީހާއަށް ހަމަލާދިން މީހާއާއި ބައިވެރި މީހާ ފުލުހުން ވަނީ ހަމަ އެ ވަޤުތު ހައްޔަރުކޮށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި އަންހެން ކުއްޖާއާއި އޭނާގެ މަންމަ ވަނީ ބަޔާން ނެގުމަށް ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.