ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަތޮޅުތެރޭގައި އަންނަ މަހު ފަށްޓަވާނެކަމަަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ހުރި ރަށްރަށާއި، މަރުކަޒުތައް ޤާއިމުކުރަމުންދާ ތަންތަނާއި، ބޮޑެތި އާބާދީތަކުގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނެކަމަށެވެ. މިގޮތުން 9 ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގުފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫއެވެ.
މީގެ އިތުރުން، ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށާއި، އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގައިވެސް ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެ ރަށްތަކުގެ ތެރޭގައި ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ އަދި ލ. އިސްދޫ ކަލައިދޫ ހިމެނެއެވެ. އަދި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެ މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުންވެސް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިކުރުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ފަސޭހައިން އިމްތިހާނު ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ ރަމަޟާންމަހެއްގެ 27 ވިލޭރޭގައި ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ދަސްވެނިވާ ދަރިވަރުންނަށް ޚާއްޞަ ގައުނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.