ސަރުކާރުން އަނެއްކާވެސް ބޯންމެރޯ ހެދުމަށް ކުދިން ފޮނުވަނީ، ފުރާނީ އާދީއްތަ ދުވަހު

އައިޝަތު ރުވާ ރިފްޢަތު | 13 ދުވަސް ކުރިން - 16 އޭޕްރިލް 2025 13:31
ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ
ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ
ޚުލާސާ

މިފަހަރު ދަނީ ތިން ކުދިންނާއި އެކުދިންގެ ބެލެނެވެރިން. އިތުރު ދެ ކުދިން ވެސް ބޯންމެރޯ ފަރުވާއަށް ފުރުމަށް ތައްޔާރުވަމުންދާކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރި.

ތެލެސީމިއާ ބޯންމެރޯ ފަރުވާއަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ތިން ކުދިންނާ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު މިި ބައްދަލުވުމުގައި، އޭޕްރީލް 20 ވަނަ ދުވަހު ފުރުމަށް ހަމަޖެމަޖެހިފައިވާ ތިން ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ނާޒިމް ވަނީ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ހިތްވަރުދެއްވައި، ފަރުވާއާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ފަރުވާގެ މުހިންމުކަމާއި، ފަރުވާއަށްފަހު ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަ ދައްކަވާފައިވެއެވެ.

ޞިއްޙީ ވުޒާރާއިން ބުނީ، މި ތިން ކުދިންގެ އިތުރުން އިތުރު ދެ ކުދިން ވެސް ބޯންމެރޯ ފަރުވާއަށް ފުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން 10 ތެލެސީމިއާ ބަލި މީހުން ބޯންމެރޯ ފަރުވާއަށް ފޮނުވުންކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

އެގޮތުން، ބޯންމެރޯ ފަރުވާއަށް ފުރުމުގެ ކުރިން ތެލެސީމިއާ ބަލި މީހުން އެޗްއެލްއޭ ޓެސްޓް ހަދަންޖެހެއެވެ. މިއީ ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިމާވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިދިޔަ އަހަރުން ފެށިގެން މި ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އިއްޔެ ވަނީ މޯލްޑިވިއަން ބްލަޑް ސާވިސްގައި މި ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް ބާއްވާފައެވެ.

2024 ވަނަ އަހަރު 14 ކުދިން ބޯންމެރޯ ފަރުވާއަށް ސަރުކާރުން ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު، އަނެއްބައި ކުދިން ވަނީ ފަރުވާ އެއްކޮށް ނިންމައި ރާއްޖެ އައިސްފައެވެ.

ތެލެސީމިއާ ބޯންމެރޯ ފަރުވާއަކީ ތެލެސީމިއާ ބަލި މީހުންނަށް ދާއިމީ ޙައްލެއް ހޯދައިދޭ ފަރުވާއެކެވެ. މި ފަރުވާ ކާމިޔާބުވުމުން، ބަލި މީހާއަށް ލޭ އެޅުމުގެ ބަދަލުގައި އާންމު ދިރިއުޅުމެއް އުޅެވޭނެއެވެ. ނަމަވެސް މި ފަރުވާއަކީ ޚަރަދު ބޮޑު އަދި ފަންނީ ގޮތުން އުނދަގޫ ފަރުވާއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%