ލާއިންސާނީ ހަނގުރާމަތަކާއި ދެކޮޅަށް ވާހަކަދައްކާ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އެންމެ އިސް މުޝީރު، ޑޭން ކޮލްޑްވެލް، ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތުގައި މަޤާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. އެމެރިކާގެ މަޞްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާގެ މަޤާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށް، ޕެންޓެގަނަށް އެތެރެވުމާއި، އެތަނުގައި ހުރި މަޢުލޫމާތު ހޯދުމުގެ ހުއްދަތައް މިހާރު ވަނީ ކަނޑާލާފައިވިޔަސް މަޤާމުން ވަކިކޮށްފައި ނުވެއެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ތުހުމަތުގައި ކަމަށާއި، މި މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމަށް އެ މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް، އޭނާ ހާމަކޮށްފައިވަނީ ކޮން މަޢުލޫމާތެއްކަމާއި، އެ މަޢުލޫމާތު ހިއްސާކޮށްފައިވަނީ ކޮން ފަރާތަކާކަން އަދި ސާފުވެފައެއް ނުވެއެވެ.
ނަތަންޔާހޫއާއެކު އެމެރިކާއިން ބޭއްވި ބައްދަލުވުމުގައި ޑޭން ކޮލްޑްވެލް، ފަހަތުގައި އިށީނދެގެން.
ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލްޑްވެލް ހާމަކޮށްފައިވަނީ ޤައުމީ ސަލާމަތާ ގުޅުން ހުރި މަޢުލޫމާތުތަކެކެވެ. އެމެރިކާގެ ދައުލަތުގެ ސިއްރުތައް ހާމަކުރަމުންދާ މައްސަލަ ދާދިފަހުން ވަނީ ފެންމަތިވެފައެވެ.
ކޮލްޑްވެލަކީ އެމެރިކާގެ ދިފާޢީ ވުޒާރާ އަދި ޕެންޓެގަންގައި މަސައްކަތްކުރާ އެހެން ބޭފުޅުންނާ އަޅައިބަލާއިރު، ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ހެގްސެތުގެ އިސް މުޝީރެއްގެ ގޮތުން އޭނާ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ކަމަށް މަޞްދަރުތަކުން ބުނެފައިވެއެވެ.
ޔަމަނަށް އެމެރިކާއިން ދާދިފަހުން ދިން ނިރުބަވެރި ޙަމަލާތަކެއްގެ މަޢުލޫމާތު ހިއްސާކުރުމަށް އެމެރިކާގެ ދިފާޢީ ދާއިރާގެ އިސްވެރިން ސިގްނަލް އެޕްލިކޭޝަންގައި ބޭނުންކޮށްފައިވާ ގުރޫޕުގައި ހެގްސެތު ވަނީ ކޮލްޑްވެލްގެ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އޭނާއަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ޕެންޓެގަންގައި އެންމެ އިސްކޮށް މަސައްކަތްކުރާ އެއް މުވައްޒަފުގެ ގޮތުގައި ހެގްސެތު ވަނީ ސިފަކުރައްވާފައެވެ.
ކޮލްޑްވެލްއަކީ އެމެރިކާއިން ޢިރާޤަށް އަރައި ކުރި ހަނގުރާމައާ ދެކޮޅަށް އަޑުއުފުއްލަވާފައިވާ ބޭފުޅެއްކަން ވެސް ފާހަގަކުރެވެއެވެ.