އެމްޑީޕީގެ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމުގެ މައްސަލާގައި އެ ވައްކަން ކުރުމަށް ފައިސާ ދެއްކި މީހާ ހޯދައި، އޭނާއަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހޯދަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ކިބާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ އެދިފަ އެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ މާލިއްޔަތު ގާނޫނާ ހިލާފަށް އެ ވެންޓިލޭޓަރުތަކަށް ފައިސާ ދެއްކި މީހާ ހުންނާނެ ކަމަށާއި އެ ފައިސާ ހޯދަން މަސައްކަތް ކުރަންވީ އެމީހާ އަށް ފިޔަވަޅު އަޅައިފައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ހައެއްކަ އަހަރު މި ދިޔައީ ފައިސާއެއް ނުހޯދުނު. ނަމަވެސް އަޅުގަނޑުމެން މީގައި ޕްރިވެންޓިން މެކޭނިޒަމަކަށް ދަންޏާމުން ވެންޓިލޭޓަރު ވައްކަން ކުރަން މަގުފަހިކުރުވި މީހާ، މާލިއްޔަތު ގާނޫނާ ހިލާފަށް އެ ފައިސާ ދޫކުރި މީހާއަށް ފިޔަވަޅު އަޅަން ޖެހޭ،" އަސަދުﷲ ވިދާޅުވި އެވެ.
އެ މުއަމާލަތުގެ ރިސީޓުތަކުން އެ ފައިސާ ދެއްކީ ކާކުކަން އެނގެން އެބަހުރި ކަމަށާއި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އެޅޭނެވަރުގެ ގާނޫނާއި ގަވާއިދުތައް ވެސް ހެދިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ މާއްލިޔަތުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކޮށްފައި އޮތް ބޮޑު ވައްކަމެއްކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާއަށް އަދިވެސް އެއްވެސް ފިޔަވަޅު ނާޅާ އޮތުމުން އަސަދުﷲ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެގޮތަށް އެއްވެސް މީހެއްގެ މައްޗަށް ތަހުގީގެއްކޮށް ޖިނާއީ ފިޔަވަޅު އަޅައިފި ނަމަ މިކަން ހުއްޓޭނެ. ވަކި ކަހަލަ ވައްކަންތައް ބެލެނީ، މިހާރު އަޅުގަނޑުމެން ކޮމިޓީން އެބަޖެހޭ ވައްކަންތައް ހިންގާ އެންމެނަށް ޖިނާއީ ފިޔަވަޅެއް އެޅޭނެ ގޮތަކަށް މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ހައްލަކީ މި ކަންކަމަށް ބާރުއަޅާށޭ، ޖިނާއީ ތަހުގީގު ހިންގައިގެން އެ މީހަކަށް ފިޔަވަޅު އަޅާށޭ. ވެންޓިލޭޓަރު ވެރިކަން ހިންގި މީހާއަށް، އެ ޕޭމަންޓް ހެދި މީހާއަށް ފިޔަވަޅު އަޅާއިރުން ދެން ހުންނަ މީހާއަކަށް ނުކެރޭނެ، މާއްލިއްޔަތު ގާނޫނާއި ހިލާފަށް ޕޭމަންޓެއް ހަދާކަށް."
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި ނަމަވެސް، މިހާތަނަށް ލިބިފައި ވަނީ އެންމެ 10 ވެންޓިލޭޓަރެވެ. މި މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، 1.88 މިލިއަން ޑޮލަރާއި އެހެނިހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ބަންޑާރަ ނައިބުގެ އޮފީހުން އެ ކޮމިޓީއަށް މީގެ ކުރިން އަންގާފައިވެ އެވެ.