4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާނެކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މިހާތަނަށް 2000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ފޯމުތައް ލިބެމުންދިޔަވަރަކަށް، ފޯމުތައް ރިވިއުކޮށް މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
"2000އާއި ގާތްކުރާ އަދަދަކަށް ޝަކުވާ ވަނީ ލިބިފައި. ރޯދަމަހުވެސް އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައި. ފޯމުތަކުގެ ބޮޑު ބައެއް ބެލިއްޖެ. ޓަރގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުން," ނަޒީމް ވިދާޅުވިއެވެ.
މި މަޝްރޫޢުގައި 4000 ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓް ރިވިއުކުރުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ، ފްލެޓްދީފައިވާ މީހުންގެ ތެރެއިން 2180 މީހުން ސްކީމަށް ޝަރުތު ހަމަނުވާކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލީ މާރިޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ނަޒީމް ވިދާޅުވިގޮތުގައި، ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތަކެއް ހުރީ، މާލޭގައި އުޅެފައިވާ މުއްދަތާ ގުޅިގެންނެވެ. މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންމަނަންޖެހެއެވެ.
ޝަކުވާ ހުށައެޅުމުގެ ފުރުޞަތުގައި އިތުރު ލިޔެކިޔުން ހުށަ ނޭޅޭނެކަމަށް ނަޒީމް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ތަފްސީލީގޮތެއްގައި މި މަޢުލޫމާތުތައް ޝަކުވާ ފޯމުގައި ލިޔެގެން ހިމެނުމަށް ނާޒިމް އެދިވަޑައިގަތެވެ.
ޝަކުވާ ހުށައެޅުމަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަދި [email protected] އަށް މެއިލުންވެސް ހުށައެޅޭނެކަމަށް ވުޒާރާއިން ބުންޏެވެ.