ދ. އަތޮޅު ރައްޔިތުން ދަތުރު ދިއުމަށް އެ އަތޮޅު އުއްދޫ މިއަދު ހުޅުވާލައިފި އެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދ. އަތޮޅު ރައްޔިތުން ދަތުރު ދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސެވުމާއި ގުޅިގެން އެ ރަށް ބެލެހެއްޓުން އެ މިނިސްޓްރީއާ ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ އަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް އެ ރަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަތުރު ދާ މީހުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ބޭނުންވާ ނަމަ, ދުރާލާ އެކަން ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އިތުރު މައުލޫމާތު ހޯދުމަށް 9108899 ނުވަތަ 7777848 އަށް ގުޅުމަށް މިނިސްޓްރީން ބުންޏެވެ.
އުއްދޫ އަކީ ދ. އަތޮޅު ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ އެމަނިކުފާނު މި އަހަރު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި, ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާއިރު، ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް, ކައިރި ތާރީހެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ހަވާލުކޮށް, ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވާލައި, ދަތުރުދާ ފަރާތްތަކަށް އެކަށޭނެ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ އެވެ.