އައްޑޫ އަތޮޅުގައި އޮންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މަރާމާތުކުރުމަށް ފަހު އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓުގެ މެނޭޖުމަންޓާއެކު މިއަދު މަޝްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީ އާއި ޝަންގްރިއްލާގެ އިސް މެނޭޖުމަންޓާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ ރިސޯޓު އަލުން ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވި އެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފާ ފޮންގް އާއި ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރު ނިލޯ އަދި ޑިރެކްޓާ އޮފް ގަވަމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޝަންގްރިއްލާގެ ފަސް ސީނިއާ އެގްޒެކެޓިވުން އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ކްރިސްޓޮފާ ފޮންގް، އެ ރިސޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިސޯޓު އަލުން ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާހަގަކޮށް، އެކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
މިއަދު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން އެ ރިސޯޓް އަލުން ހުޅުވުމަށް ތަފްސީލީ ރޯޑްމެޕެއް އެކުލަވާލައި، ރިސޯޓް ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި ޝަންގްރިލާ ރިސޯޓް އަލުން ހުޅުވުމަކީ އައްޑޫގެ ޓޫރިޒަމާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރި ކަމަށެވެ.