ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިޢުލާންކޮށްފިއެވެ.
މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންދާ މި މައްސަލައިގައި ހޯދަން އިޢުލާންކޮށްފައިވަނީ މާލޭ، ހ. ހަވިއްގަ، އަލީ އާޒިމް (43 އަހަރު) އެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާޒިމްގެ ދާއިމީ އެޑްރެސް އެނގިފައި ނުވާތީ، ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާންކުރަނީ ކަމަށެވެ. މިގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ދިއްގަރު ޕޮލިސް ސްޓޭޝަނަށް އާޒިމް ހާޒިރުވުމަށް އަންގާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.