ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ ކެފޭއަކުން ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުންދާ ކެފޭއެއް ބަލައި ފާސްކޮށް، ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އެމްޑީ ރާޖް ރައްޒާކް، 29 އާއި މުހައްމަދު ތަރީގުލް، 25 އެވެ.
ފުލުހުން ބުނި ގޮތުގައި، އެމީހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޯޓު އަމުރުގެ ދަށުން ހުޅުމާލެ 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއި ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.