"ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤްގެ މައްޗަށް އޭނާގެ ޢާއިލާއިން މިއަދު ކުރަން ނިންމި ކަށު ނަމާދު ނުކުރާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މުޝްފިޤްގެ ޢާއިލާއިން މިފަދައިން ނިންމާފައި މިވަނީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު ޢަމަލުކުރާނެ ގޮތާ މެދު ވަޒީރު ޝަހީމް ދެއްކެވި ވާހަކަތަކަށް ފަހުގައެވެ.
ވަޒީރު ވިދާޅުވެފައިވަނީ މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެމީހާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މުޝްފިޤްގެ ޢާއިލާއާ ވަޒީރު ވާހަކަ ދައްކަވާފައިވާ ކަމަށާއި، ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް ޢަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
ވަޒީރު ވަނީ މުޝްފިޤްގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމަށާއި، އޭނާއަކީ އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އެންމެންނަށް ވެސް ލިބުނު ހިތާމައެއް ކަމަށެވެ.