އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތަރައްޤީކުރާ 75 އެނދުގެ ޕްރޮޖެކްޓް މި އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް އެޅިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅު ކުރުމަށް މިދިޔަ ދުވަސްތަކުގައި ވަރަށްގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. އަދި 75 އެނދުގެ ޕްރޮޖެކްޓް ހުޅުވިގެން ދިއުމުން ވަރަށް ބޮޑުތަނުން ޖާގަ އިތުރުވެ، މިހާރު އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑުތަނުން ޙައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ އިމަޖެންސީ ރޫމް (އީއާރް) ހެދުމުން ވަރަށް ބޮޑު ތަނުން ފަސޭހަވެގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ތުއްތު ކުދިންނާއި، 16 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ އިމަޖެންސީ ޚިދުމަތް ދޭން ފެށި ފަހުން މިހާތަނަށް، ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، 10,393 ކުދިން އެތަނުން ޚިދުމަތް ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.