އެތައް ސަތޭކަ ކުދިންނަކާއެކު "ޢީދު ހަވީރު" ހަރަކާތަށް ބޮޑު ތަރުޙީބެއް!

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 22:07
ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތުގެތެރެއިން. މިއީ ފަހަކަށް އައިސް ބޭއްވި އެންމެ ކުލަގަދަ ޢީދު ޙަރަކާތް. / ފޮޓޯ: ޚުލާސާ
ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތުގެތެރެއިން. މިއީ ފަހަކަށް އައިސް ބޭއްވި އެންމެ ކުލަގަދަ ޢީދު ޙަރަކާތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަދުގެ ޢީދު ޙަރަކާތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާއި މުައައްސަސާތަކުން ޚާއްޞަ އިވެންޓުތައް ބޭއްވިއިރު މިއީ ފަހުގެ ތާރީޚުގައި ބޭއްވި އެންމެ ކުލަގަދަ ޢީދު ޙަރަކާތް.

ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ހަވީރު ހުޅުމާލެއާއި މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ހަވީރުގައި އެތައް ސަތޭކަ ކުދިންނެއް ބައިވެރިވެފައިވާއިރު، މި ހަރަކާތް ވެގެންގޮސްފައިވަނީ އެކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ބޮޑު ޢާއިލީ ހަރަކާތަކަށެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތުގައި ރައީސްގެ ދެކަނބަލުންނާއެކު ކުޑަކުދިންތައް ފޮޓޯ ނަގަނީ / ފޮޓޯ: ދައުލަތުގެ މީޑިއާ.

މާލޭގައި އޮތް "ޢީދު ހަވީރު" މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭހެންނެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހަވީރު އޮތް ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުން.

މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ. ހަމައެހެންމެ ކުންފުނިތަކުގެ ސްޓޯލްތަކުން ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ޢީދު ހަވީރުގެ ތެރެއިން ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު އޮތް “ޢީދު ހަވީރު”ގައި ދިވެހި ފުލުހުން ބޭއްވި ޙަރަކާތުގެތެރެއިން.

ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު އޮތް “ޢީދު ހަވީރު”ގައި ދިވެހި ފުލުހުން ބޭއްވި ޙަރަކާތުގެތެރެއިން.

ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލެއްވެސް ޖުމްހޫރީ މައިދާން ސަރަޙައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މި ހަރަކާތްތައް ވެގެންދިޔައީ ތުއްތުކުދިންގެ އިތުރުން އެ ސަރަޙައްދުތަކަށް ޖަމާވި އެކި އުމުރުފުރާގެ މީހުންގެވެސް ޝަޢުގުވެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ޢީދުގެ އުފާ އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ފާހަގަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ވަރަށް އުފާވެރި ހަރަކާތެއްގެ ގޮތުގައި ބައެއް ކުދިންނާއި، މީހުންވެސް ވަނީ ފާހަގަކޮށްފައެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު އޮތް “ޢީދު ހަވީރު”ގައި ދިވެހި ސިފައިން ބޭއްވި ޙަރަކާތުގެތެރެއިން. ފޮޓޯ: ޚުލާސާ..

ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ. އަދި ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މިއަދު އޮތް “ޢީދު ހަވީރު”ގައި ދިވެހި ސިފައިން ބޭއްވި ޙަރަކާތުގެތެރެއިން. ފޮޓޯ: ޚުލާސާ..

މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި މިހާ ކުލަގަދަކޮށް ޢީދު ފާހަގަކުރި ފުރަތަމަ ފަހަރެވެ.

ޢީދު ހަވީރު ކުރިއަށްދިޔައީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާ ހަމައަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%