ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު އީމާން | 31 ދުވަސް ކުރިން - 29 މާރިޗް 2025 19:59
އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސްޓޫޑަންޓު ލޯނަށް ސަރުކާރުން މިއަހަރު ހުޅުވާލީ 500 ފުރުސަތު. ލޯނަށް އެދުމުގެ ސުން ގަޑި ހަމަވާނީ އޭޕރީލް 30 ގައި.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ދޫކުރަމުން އަންނަ ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަހަރުވސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރެއްވި އިއުލާނުގައި ބުނެފައިވަނީ މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް މާލީ އެހީ ދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް 500 ފުރުސަތު މިއަދު ހުޅުވާލައިފައިވާ ކަމަށެވެ. އިއުލާނުގައި އިތުރަށް ބުނެފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ގޮތުގައި ހައި ޕްރިއޮރިޓީ ދާއިރާތަކެއް ކަނޑައެޅި އެ ދާއިރާތަކުން ކުރިމަތިލާ ފަރާތަތްތަކަށް އިތުރު ޕޮއިންޓު ލިބިގެންދާނެ ކަމަށެވެ.

ލޯނު ދޫކުރުމުގައި އެ ސްކީމު ބަހާލެވިފައިވަނީ ދެބަޔަކަށެވެ. އެއީ މަތީ ތަޢުލީމަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އިތުރުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ދޫކުރާ (ޓޮޕް-އަޕް) ލޯނެވެ. ސަރުކާރުން ދޫކުރާ މި ލޯނަކީ 700،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއްގެ ލޯނެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހޭނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށެވެ. ލޯނަށް އެދުމުގެ ސުންގަޑި ހަމަވާނީ މިއަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށެވެ.

Portal: https://myedu.egov.mv

މިދިޔަ އަހަރުވެސް ސަރުކާރުން ހުޅުވާލީ 500 ފުރުސަތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ވަނީ ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުން (1،015 ދަރިވަރުން)ނަށް މިދިޔަ އަހަރު ލޯނު ދޫކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުން ލޯނު އަނބުރާ ދައްކާއިރު ސަރުކާރުން އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުން އައި %1 ފީ ނުނަގަން ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%