ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން ޢާންމުންގެ މެދުގައި އޮޅުންއަރާ ޝައްކު އުފެދޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، މިކަން ކުރަންވާނީ ޢާންމު މަޞްލަޙަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން، މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާއި ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީ ހަމަތަކާއި، ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ އިޢުލާންކުރުމާއި ޢީދު އިޢުލާންކުރުމަކީ މަޞްލަޙަތު ގެއްލިދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.