ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން އާރުޑީސީއާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތް ނިމިގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ފަތުރުވެރިކަން ސިންދަފާތުކުރުމާއި ނެޝަނަލްއައިޑެންޓިޓީގެ އަސްލުތަކާ އެއް ގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނެޝަނަލް އައިޑެންޓިޓީ ނުވަތަ ގައުމިއްޔަތު މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.
މިނިސްޓްރީން ވަނީ މި މަހުގެ 10 ވަނަ ދުވަހު އދ. ހަންޏާމީދޫގައި ހުންނަ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާރުޑީސީއާ ހަވާލުކޮށްފަ އެވެ.