ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް މިއަދު ބައްލަވާލައްވައިފިއެވެ. މި އިމާރާތަކީ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ޙައްލެއް ހޯދުމަށް ތައްޔާރުކުރެވޭ އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވައި، މަޝްރޫޢުގެ ކުރިއެރުންތަކާއި ބެހޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރާއި މަޝްވަރާކުރެއްވާފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމް އިއްވުން ލަސްވުމެވެ. މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޝަރުޢީ ދާއިރާއަކީ ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދަވާކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަނީ ވިދާޅުވެފައެވެ.