ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި ނުވަނީސް، ގޯތި ކަނޑާފައި ދިން މައްސަލައާ ގުޅިގެން ހިފެހެއްޓި ޕާސްޕޯޓްތައް ދޫކޮށްލައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވަގަށް ގޯތި ދިން މައްސަލައާ ގުޅިގެން ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މި މައްސަލައިގައި ފަޒުލްގެ ބޭބެއަށް ވަގަށް ގޯތި ދީފައިވަނީ ހައުސިންގ މިނިސްޓްރީގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ކަމަށް ތަހުގީގުތަކުން ހާމަވެފައިވެއެވެ. އަދި ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައި ވެއެވެ. ނަމަވެސް އެފައިސާއާއި އެހެން ފަރާތަކުން ދިން ފައިސާ ކަމަށް ވަނީ ސާބިތުކޮށްދީފައެވެ.
މި މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓުނު އެހެން ފަރާތްތަކުގެ ތެރޭގައި ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެޗްޑީސީގެ ބޯޑު މެންބަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު) ގެ އިތުރުން އެހެން ބޭފުޅުން ވެސް ހިމެނެއެވެ.