މިފަހަރުގެ ފިތުރު އީދަށް މުޅި ރާއްޖެ ދިއްލައިލުމަށް ސަރުކާރުން ތައްޔާރުވާން ފަށައިފި އެވެެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު އީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުމުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޢީދަށް މަރުޙަބާ ކިޔުމަށް ތައްޔާރުކުރުމުގެ ގޮތުން ދީނީ ޝިޢާރުތައް ރަމްޒުކޮށްދޭ ލައިޓްތައް ހަރުކޮށްފައިވާއިރު އެސަރަޙައްދުން ބަޔަކު ސައިކަލްތަކުގައި ދަނީ / ފޮޓޯ: ޚުލާޞާ
ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އީދު ލައިޓްތައް ދިއްލާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި އީދުގައި ވަރަށް ހާއްސަ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީދަށް މާލެ ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރޠ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެކެވެ. މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަހަރު އެވެ.
"މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި ޒުވާނުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ހަރަކާތަކަށް ވާތީ، މިދިޔަ އަހަރު ދިއްލި ރަށްތަކާއި ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދު ލައިޓްތައް ފޮނުވަން ހަމަޖެހިފައިވޭ". މިނިސްޓަރ
މާލޭގައި އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި މިކަމުގައި ސްޓެލްކޯ އާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ މި އަހަރު އަލަށް ދިއްލާ 36 ރަށާއި އެކު ޖުމްލަ 65 ރަށެއްގައި އީދު ލައިޓްތައް ދިއްލާނެ ކަމަށެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރު "އީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެ އިވެންޓުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.