ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވި "ހޯޕް އައިލެންޑް" މަޝްރޫޢު މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، މަޝްރޫޢުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ކަމަށް ސަރުކާރުން ބުންޏެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައީ ދ. ވާނީގައި މަޝްރޫޢު ހިންގުމަށް ހިނގާނެ ޚަރަދު ބޮޑުވާނެތީއެވެ. އުތުރު ތިލަފަޅަށް ބަދަލުކުރުމުން، މަޝްރޫޢުގެ ޚަރަދު ކުޑަކުރެވި، ހިންގުމުގައި ހުރި ގޮންޖެހުންތައް ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރެއްގައި، އުތުރު ތިލަފަޅުގައި ހިންގާ 4 މަޝްރޫޢުގެ ތެރޭގައި ހޯޕް އައިލެންޑް ހިމެނެއެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 55 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ހޯޕް އައިލެންޑަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު އަދި ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެއެވެ. މީގެ އިތުރުން، އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ ކުށްކުރުން މަދުކޮށް، ޒުވާނުންނަށް ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
ހޯޕްއައިލެންޑް ދ. ވާނީގައި ހަދާނަމަ ދަތުރުފަތުރު (ޚައްޞަކޮށް ތެލުގެ ޚަރަދު) ވަރަށް ބޮޑުވާނެއެވެ. ނަމަވެސް އުތުރު ތިލަފަޅަށް ބަދަލުކުރުމުން، މަޝްރޫޢު އަވަހަށް ފެށި، ދައުލަތުން ކުރާ ހޭދަ ކުޑަވެ ޒުވާނުންނަށް އޭގެ ފައިދާ އަވަހަށް ލިބެން ފަށާނެ ކަމަށް ސަރުކާރުން ދެކެއެވެ.