ރަށްރަށުގައި ހުރި ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސިޓީސް އަދި ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީން ބުނީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި ގާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަށްރަށުގައި ގާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި ހަވާލުކުރުމަށް މިނިސްޓްރީ އާއި ކައުންސިލްތަކާއި ދެމެދު ވެވޭ ފަހުމުނާމާއާއި ބެހޭ މައުލޫމާތު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ އިއްޔެ ކައުންސިލްތަކާއި ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވި ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން މިނިސްޓްރީގެ ލޯކަލް ގަވަމެންޓް ޑިޕާޓްމެންޓް ހިންގުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާއި ޕްލޭނިން ޑިޕާޓްމަންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާ ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އުންމީދު ކުރެވެނީ ވަރަށް އަވަހަށް މި ފަހުމުނާމާތަކުގައި ސޮއިކުރެވި އެ ތަންތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބުމެވެ.