ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޙިކުމާ އަޙްމަދު ނިޒާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޙިކުމާ އަޙްމަދު ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޙިކުމާ އަޙްމަދަށް ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. އަދި މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިކުމާ އަޙްމަދާ ހަވާލުކުރައްވާފައެވެ.
ޙިކުމާ އަޙްމަދަކީ 2020 އިން 2024 އަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.