ސަރުކާރުން ފައިސާ ޗާޕް ކުރިޔަސް ކުރާނީ ޒިންމާދާރު ގޮތެއްގައި ކަމަށާއި، ފައިސާ ޗާޕް ކުރުމުގެ ބަދަލުގައި އިޤްތިޞާދަށް ފައިސާ އިންޖެކްޓް ކުރާނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް ޔަގީންކަން ދެއްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން 14 ބިލިއަން ރުފިޔާ އަށް ބިން ގަތުމަށް ނިންމި ނިންމުން ދިފާއު ކުރައްވަމުންނެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ފައިސާ ދައުރުވުން އިތުރުވާ ކޮންމެ ކަމެއް ފޫބައްދަން ޖެހޭނީ ދަރަނި ދެއްކުމުންނެވެ. އޭނާ އަލިއަޅުވާލެއްވި ގޮތުގައި ސަރުކާރުން މިހާރުވެސް %6 އިންޓަރެސްޓް ރޭޓުން 150 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާފައިވާއިރު، މިއީ ގާތްގަނޑަކަށް 2.3-2.5 ބިލިއަން ރުފިޔާއެވެ. އެފަދަ ރިޕޭމަންޓްތަކުގެ ތެރެއިން އުފެދޭ މާލީ ޖާގައަށް ވުރެ ގިނަ ފައިސާ ސަރުކާރުން އިގްތިސާދަށް ނުވައްދާނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވައި ސާބިތުކޮށްދިނެވެ.
"މިހާރު ސަރުކާރުން އެވަނީ 150 މިލިއަން ޑޮލަރު ދައްކާފައި. އެ ވަރުގެ ފިސްކަލް ސްޕޭސް ހޯދާފައި އެވަނީ. އެ ފިސްކަލް ސްޕޭސް އޮތް ވަރަކަށް ސަރުކާރުން ފައިސާ ނެރޭނީ. ދެން ނޫހެއްގައި ލިޔުއްވައިގެން މަތިމައްޗަށް ދެއްކިއަސް، އެއްހާސް ފަހަރު ދޮގު ހެދިޔަސް ދޮގު ވާނީ ހަމަ ދޮގަށް. އެ އަދަދު ތަކަކީ ކަނޑައެޅިގެން ދޮގެއް،" އެމްއެމްއޭން އެއްފަހަރާ 14 ބިލިއަން ރުފިޔާ ދީގެން ބިމެއް ނުގަންނާނެ ކަމަށް ވިދާޅުވަމުން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބިމުގެ މުއާމަލާތުން ލިބޭ އާމްދަނީއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ސުނާމީގެ ދުވަސްވަރު ނަގާފައިވާ ފަދަ ދިގު މުއްދަތަކަށް ނަގާފައިވާ ލޯނުތައް ހިމެނޭ ގޮތަށް އެމްއެމްއޭއަށް ސަރުކާރުން ދަރަނި އަދާކުރުމަށް ކަމަށެވެ.
ޖޫން މަހު ޢަމަލުކުރަން ފަށާ މާލީ ޒިންމާގެ ގާނޫނުގެ ދަށުން އެމްއެމްއޭ އަށް ސަރުކާރަށް ފައިސާ އެޑްވާންސް ކުރުމުގެ ހުއްދަ ދޭނީ ހަރުކަށި ޝަރުތުތަކެއްގެ ދަށުންނެވެ. އެގޮތުން ދޭ ފައިސާ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު އެވްރެޖް އާމްދަނީގެ %2.5 އަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި މާކެޓް އިންޓަރެސްޓް ރޭޓުން 91 ދުވަހުގެ ތެރޭގައި ސަރުކާރުން އެ އަދަދު އަނބުރާ ދައްކަން ޖެހެއެވެ.
ސަރުކާރަށް އަހަރަކު އެވްރެޖްކޮށް 30.5 ބިލިއަން ރުފިޔާ ލިބޭ އާމްދަނީއަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އެމްއެމްއޭއަށް ޗާޕްކުރެވޭނެ އެންމެ ގިނަ އަދަދަކީ 610.5 މިލިއަން ރުފިޔާ އެވެ.
ބައެއް އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އެމްއެމްއޭގެ ބިން ގަތުމަކީ ގާނޫނީ ހައްދުތަކުން ބޭރުން ފައިސާ އިންޖެކްޓް ކުރުމެވެ. ނަމަވެސް އެއާއި ޚިލާފަށް، ބޭނުންވެއްޖެ ހިނދެއްގައި ޒިންމާދާރުކަމާއެކު ފައިސާ ޗާޕު ކުރުމަށް ބުރަވާ އިޤްތިޞަދީ ބޭފުޅުން ވެސް އެބަ ތިއްބަވައެވެ.
މިސާލަކަށް ބަލާނަމަ 2013 ވަނަ އަހަރު ޖަޕާނުން ވަނީ ޒިންމާދާރު ކަމާއެކު ފައިސާ ޗާޕުކޮށްފައެވެ. މި ސިޔާސަތުގެ ސަބަބުން ވަޒީފާތައް އުފެދި، “ޖޮބްލެސް މީހުން” %2.8 އަށް ދަށްވިއެވެ.
އިޤްތިޞާދީ މާހިރު މިލްޓަން ފްރީޑްމަން ވެސް 1963 ވަނަ އަހަރު ލިޔުއްވި "އަ މަނިޓަރީ ހީސްޓްރީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް، 1867-1960" ގައި ތަފްސީލުކޮށްފައިވާ ފަދައިން، ކޮންޓުރޯލެއްގެ ދަށުން ޒިންމާދާރުކަމާއެކު ފައިސާ ޗާޕުކުރުމަކީ އިޤްތިޞާދުތައް ހަމައަކަށް އެޅުވޭނެ ކަމެކެވެ.
އެހެންކަމުން، ނާޒިމް ޤަބޫލުފުޅުކުރައްވާ ފަދައިން ޒިންމާދާރުކަމާއެކު ތަންފީޒު ކުރާއިރު، ފައިސާ ޗާޕުކުރުމަކީ، ނޭދެވޭ އަސަރުތަކެއް ނެތި އިޤްތިޞާދީ މަޤްޞަދުތަކަށް ތާއީދުކުރެވޭނެ ކަމެކެވެ.