ޤައުމީ ހަމަޖެހުމަށް ފައިސާ ޗާޕުކުރުމުގެ މުހިންމުކަން

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 18:43
އެމްއެމްއޭ: ދައުލަތަށް ދޫކުރާ ފައިސާ ދެގުނަ ކުރެވޭނެ އުސޫލެއް އުފެއްދުމަކީ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނެ ކަމެއް. / ފޮޓޯ: ޚުލާސާ
އެމްއެމްއޭ: ދައުލަތަށް ދޫކުރާ ފައިސާ ދެގުނަ ކުރެވޭނެ އުސޫލެއް އުފެއްދުމަކީ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނެ ކަމެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ރައީސް މުއިއްޒު ފައިސާ ޗާޕް ކުރުމާއި ދެކޮޅު. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އިޤްތިޞާދު މާބޮޑަށް އަޑިއެޅުމުން ފައިސާ ޗާޕްކޮށްފައި އެބަހުރި. ކުރީ ސަރުކާރުން ވެސް ފައިސާ ޗާޕްކުރި.

ދުނިޔޭގެ އިޤްތިޞާދަށް ވެސް ލޮޅުން އަރާފައިވާއިރު އޭގެ އަސަރު ރާއްޖެއްށް ވެސް ކުރެއެވެ. އެހެންކަމުން އަންދާޒާކުރާ ޢާމްދަނީ އެއް ނުލިބެއެވެ. މިއީ އެމެރިކާ ފަދަ ކުރިއަރާފައިތިބި ޤައުމުތަކަށް ވެސް ދިމާވާ މައްސަލައެކެވެ.

ލިބެންޖެހޭ ނުވަތަ ލިބޭނެކަމަށް ލަފާކުރާ ޢާމްދަނީ ނުލިބޭނަމަ ފައިސާ ލިބޭނެ ގޮތެއް ހޯދަން އެބަ ޖެހެއެވެ. ސަރުކާރުގެ ޓްރެޝަރީ ބިލް ވިއްކައިގެން އެކަން ކުރެވޭކަށް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ސަބަބަކީ ދިވެހި ދައުލަތުން އިޝޫ ކޮށްފައި ހުރި ޓްރެޝަރީ ބިލްގައި ސަރުކާރުން އަނބުރައި ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް ހުރުމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ މިސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވިދާޅުވީ އެފައިސާ ނުދައްކަނީސް ދެން ސަރުކާރުން އިތުރު ޓެރްޝަރީ ބިލްތައް ހެދިޔަސް އެ ވިއްކޭނެ ތަނެއް ނޯންނާނެ ކަމަށެވެ.

ދެން އޮތް ގޮތަކީ ސަރުކާރުގެ ބޮންޑެއް ބޭރު ޤައުމަކަށް ފްލޯޓްކޮށްގެން އެއަށް ފައިސާ ހޯދުމެވެ. ސަރުކާރުން ވަނީ އެކަން ވެސް ކުރަން މަސައްކަތް ކޮށްފައި ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ ސަބަބުން ރާއްޖެއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޭގެ އަސަރުތައް ކުރާއިރު ސަރުކާރުން ރެއިޒްކުރަން ބޭނުންވާ 14 ބިލިއަން ރުފިޔާ ރެއިޒްކުރެވޭނެ ދޮރެއް ހުޅުވެން އެބަ ޖެހޭ ކަމަށް މާހިރުން ވިދާޅުވެއެވެ.

ސުވާލަކީ، ސަރުކާރުން ފައިސާ ޗާޕްކުރަންވީތޯ ހެއްޔެވެ؟ މިއީ ރައީސް ޑރ. މުޢިއްޒު އެއްގޮތަކަށް ވެސް ބޭނުންފުޅުވާ ކަމެއް ނޫނެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ފައިސާ ޗާޕް ނުކުރުމަށެވެ.

ފައިސާ ޗާޕް ކުރުމަކާއި ނުލައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު އެކި ފަރާތްތަކަށް ކުރީގެ ސަރުކާރުތަކުން ދަރާފައިވާ 13.7 ބިލިއަން ރުފިޔާ ދައްކާފައެވެ. މިކަން ކޮށްފައި ވަނީ ރައީސް އެއަހަރު ވިދާޅުވި ފަދައިން އެއްވެސް ލޯނެއް ނެގުމަކާއި ނުލައެވެ.

ކުރީގެ ސަރުކާރުތަކުގެ މާލީ ސިޔާސަތު ވަރަށް ގޯހެވެ. އެކަމުގެ އަސަރު އެބަ ކުރެއެވެ. އެކަމުގެ ސަބަބުން މިއަދު ގައުމަށް މިއޮތީ ފައިސާ ހޯދަން ޖެހިފައި ކަމަށް ބުނެ އިޤްތިޞާދީ ބޭފުޅުން އެކި ޚިޔާލު ފާޅުކުރައްވައެވެ. ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، އެ ވަޢުދު ފުއްދުވުމަށްޓަކައި ފައިސާ ބޭނުންވާ ކަމަށް ވެސް އެއްބަޔަކު ވިދާޅުވެއެވެ. އުނދަގޫވެގެން މިއުޅެނީ ފައިސާ ހޯދާނެ ގޮތްތަކެވެ. މި ޙަޤީޤަތް އަޅުގަނޑުމެން އެންމެން ވެސް ޤަބޫލުކުރަން ވާނެއެވެ.

ސުވާލަކީ ފައިސާ ޗާޕް ކުރާނީހޭ ނުކުރާނީހޭ؟

ދިވެހިރާއްޖެ މި ދަންތުރައަށް ވައްޓައިލީ އެމްޑީޕީގެ ވެރިކަމުގައި މަޖިލިސް ރައީސްކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނަވައިގެންނެވެ. އެކަން ކުރި ގޮތަކީ، އެމްއެމްއޭއިން "އެޑްވާންސެސް ޓު ދަ ގަވަރމެންޓް"ގެ ނަމުގައި ނެގި ފައިސާ އަނބުރައި ދެއްކުމުގައި ހެއްދެވި އުޞޫލެއްގެ ސަބަބުންނެވެ. އަސްލު އޮންނަ ގޮތަކީ 1 މަސްތެރޭގައި ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ދައުލަތުން އެފައިސާ އަނބުރާ އެމްއެމްއޭ އަށް ދައްކަން ޖެހޭ ގޮތަށެވެ. ނަމަވެސް، ޤާނޫނުގައިވާ މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު، 1 މަސްދުވަހުގެ ތެރޭގައި ދައްކަން އޮންނަ ފައިސާ ދިގުދަންމާލައި ބޮޑު ޢަދަދުން އެމްއެމްއޭއިން ކުރީ ސަރުކާރުން ފައިސާ ނެގީއެވެ. ފައިސާ ޗާޕްކުރީއެވެ. ކަން ވީ ގޮތަކީ މިއީއެވެ.

އެމްޑީޕީގެ ވެރިކަމުގައި މިކަންކަން މިހެން ހުރުމުގެ ސަބަބުން، ދައްކަން ޖެހިފައިވާ ބިލިއަން ރުފިޔާގެ ލޯނުތައް ދެއްކުމަށް ހުރަސް އެޅުނެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން 2024 ވަނަ އަހަރުގައި އެމަނިކުފާނު އެއްވެސް މިންވަރަކަށް ފައިސާ ޗާޕެއް ނުކުރައްވައެވެ. ލޯނުތައްވެސް ދެއްކެވިއެވެ.

އެހެންނަމަވެސް، ޤައުމީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކޮށްދޭ ރަނގަޅު އިޤްތިޞާދީ ސިޔާސަތުތަކެއް އެކުލަވާލުމަށްޓަކައި ފައިސާ ޗާޕުކުރުމަކީ މައްސަލައެއް ނޫން ކަމަށް އެއްބަޔަކު ވިދާޅުވެއެވެ. ނަމަވެސް މިއީ ގިނަ ބަޔަކު ނުރުހޭ ވެސް ކަމެކެވެ.

ސަރުކާރުން ރައްޔިތުންނަށް ވެވުނު ވަޢުދަށް ތަބާވެ، ފައިސާ ޗާޕްކޮށްފައެއް ނުވެއެވެ. މިހާރު ގެންގުޅޭ މާލީ ސްޓްރެޓެޖީތަކުގެ މަޤްޞަދަކީ އިޤްތިޞާދު ހަރުދަނާކުރުމެވެ. އިޤްތިޞާދު ބަލިކަށިކުރުމަށް ނޫނެވެ.

ވިސްނުންތެރި އިންވެސްޓްމަންޓެއް، ރިސްކެއް ނޫން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް އެސެޓް ބެސްޓް ޓްރާންސެކްޝަނެއް ފަހިކޮށްދިނުމަށް ރާވާފައިވާ ޕްލޭނަކީ ވިސްނުންތެރި އިގްތިސާދީ ފިޔަވަޅެކެވެ. އެޗްޑީސީން އެމްއެމްއޭއަށް ބިން ވިއްކުމަކީ ފައިސާ ޗާޕްކުރުމާއި އެއްވަރުގެ ކަމެއް ނޫނެވެ. އެއީ ދައުލަތުގެ އާމްދަނީ ގުނަކޮށްދޭ ރަނގަޅަށް ރޭވިފައިވާ އިންވެސްޓްމަންޓެކެވެ. 1 ރުފިޔާ ދެގުނަ ކުރެވިދާނެ ގޮތެކެވެ.

ބިން ވިއްކުމަކީ ދަރަނީގެ ބުރަ އިތުރު ނުކޮށް ސަރުކާރަށް ލިކުއިޑިޓީ ފޯރުކޮށްދީ، ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖަހައިލެވެން އޮތް މޮޅު އަދި ކުޅަދާނަ ގޮތެކެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތާ ޚިލާފަށް މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ބޮޑުވެ ޕްރެޝަރުތަކެއް އުފެދި ދިވެހި ފައިސާ ބަލިކަށި ނުވާނެއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ލޯނު ދީގެން ރައްޔިތުންގެ ވިޔަފާރިތައް ކުރިއަރުވައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޤައުމު ތަރައްޤީ ކުރުމަށް ސަރުކާރަށް ލިބޭނީ އިންވެސްޓް ކުރުމުގެ ފުރުސަތެކެވެ.

އިދިކޮޅުގެ ސިޔާސީ އެޖެންޑާ

ރާއްޖެއިން މީގެ ކުރިން ވެސް އިގްތިސާދީ ހީނަރުކަން އެތައް ފަހަރަކު ފެނިފައި ވެއެވެ. ޚާއްސަކޮށް ކުރީގެ ވެރިކަމުގައެވެ. އިދިކޮޅުން މިހާރު މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރުމަށެވެ. ވެރިކަން ބޭނުންވެގެން އުޅޭ މީހުން އެ ފަތުރަނީ ނުބައި ދޮގު މަޢުލޫމާތެވެ. ނަމަވެސް ޙަޤީޤަތަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ޤައުމު ހިންގަމުންދަނީ ދިގުމުއްދަތުގައި ފައިދާވާނެ ގޮތަށް ހިސާބުކުރެވިފައިވާ މާލީ ފިޔަވަޅުތަކާއި އެކުގައެވެ. ފައިސާ ޗާޕްކުރުމަށް ރައީސް ދެކޮޅު ހައްދަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

5 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހަބީބާ

1 ދުވަސް ކުރިން - 14:58

ކަލޭމެން ސަރުކާރާ ހަވާލުވިއިރު ބުނަމުންދިޔައީ އިގުތިޞާދު މެނޭޖުކުރާނަމޭ. މިހާރު ތިޔަ ދައްކަނީ ކުރީ ސަރުކާރޭ. ކަލޭމެންގެ މަތިބަރު ސަރުކާރާއި ވައްކަމާއި ހިޔާނާތުގެ ސަބަބުން ގައުމު ބަނގުރޫޓުވީ. ވެރިކަން ލިބުމާއެކު ހީވީ އީދެއް އައިސްގެން އުޅުނުހެން. އިގުތިޞާދު ހަމައަކަށް އަޅުވަން އެއްވެސް ކަމެއްްނުކުރޭ. ގައުމުގެ އިގުތިޞާދު އިތުރަށް ހީނަރުވީ. ކަލޭމެންނަށް ނުވަންޏާ އިސްތިއުފާދީފަ ގެއަށް ދޭބަލަ. މި ގައުމަކީ ކަލޭމެންގެ މައިންބައިންގެ އަމިއްލަ ތަރިކައެއް ނޫން.