ރާއްޖޭގެ 32 ރަށެއްގައި ކުނި ކޮށި އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކުނި ކޮށި އެޅުމަށް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ވަށަފަރު، ކުޅުދުއްފުށި ސިޓީ، ކ. ދިއްފުށި، ކ. ގާފަރު، ކ. ގުޅި، މ. މަޑުއްވަރީ، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، ފ. ބިލެތްދޫ، ފ. ދަރަނބޫދޫ، ފ. ފީއަލި، ތ. ދިޔަމިގިލި، ތ. ގާދިއްފުށި، ތ. ހިރިލަންދޫ، ތ. ކަނޑޫދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ހިތާދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަށް، ލ. މުންދޫ، ތިނަދޫ ސިޓީ، ޏ. ފުވައްމުލަށް ސިޓީ އަދި ސ. ހުޅުމީދޫ ހިމެނެއެވެ.
ވުޒާރާއިން ބުނީ މި ރަށްތަކުގެ މަސައްކަތްތައް މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 2 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވެމްކޯއާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށެވެ. ވުޒާރާއިން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި މި އަމާޒަށް ވާސިލްވުމަށްޓަކައި 128 ރަށެއްގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަންޖެހެއެވެ.
ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.