އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ކަރަންޓް ފޯރުކޮށްދިނުން މިއަދު ހުއްޓާލައިފިއެވެ. މިއާއެކު، ގާތްގަނޑަކަށް 2.2 މިލިއަން ރައްޔިތުން ދިރިއުޅެން ޖެހެނީ ކަރަންޓާއި ނުލައެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ އިސްރާއީލުގެ ރަހީނުން ދޫކޮށްލައި ހަތިޔާރު ނައްތާލުމަށް ހަމާސްއަށް ޕްރެޝަރު ކުރުމެވެ.
އިސްރާއީލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ބުނީ މިއީ ޣައްޒާއާއި ދެކޮޅަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެ ބިމުން ފޭބުމެވެ.
މި ރޯދަމަހު ޣައްޒާ މުސްލިމުން ރޯދައަށް ތިބިއިރު އެމީހުންނަށް ފެން ފޯރުކޮށްދޭ ޣައްޒާގެ ޑީސެލިނޭޝަން ޕްލާންޓަށް ވެސް ކަރަންޓް ލިބުން ވަނީ ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ޣައްޒާ މުސްލިމުން އުޅެން ޖެހޭނީ ވަރަށް ހާލުގައެވެ. އިސްރާއީލުގެ ހައްދުފަހަނަ އެޅި ޒައެނިސްޓް ސަރުކާރުން ބޭނުންވަނީ މި ރޯދަމަހު ޣައްޒާ މުސްލިމުން ފެނައް ޖައްސާލުމުން މާޔޫސްވެގެން އަމިއްލައަށް އެ ބިން ދޫކޮށް ދިޔުމެވެ. އެހެންނަމަވެސް ޣައްޒާ މުސްލިމުން އެހާ ފަސޭހައިން އެ ބިމުން ނުފައިބާނެކަން ވެސް ޒައެނިސްޓުންނަށް އެނގެއެވެ. އެހެންނަމަވެސް މިގޮތަށް ޢަމަލު ކުރުމުން، ހަމާސްއާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށް، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހަމާސްއަށް މަޖުބޫރުކުރުވުމަށް އިސްރާއީލަށް ފުރުސަތު އޮންނާނެއެވެ.