ބްރޯޑްކާސްޓިން ކޮމިޝަން ގެ އަންހެން މުވައްޒަފަކަށް، އެކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ފަޒިން ޖިންސީ ފުރައްސާރަ ކުރުމާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރުމާއި މެދު ގޮތެއް ނިންމުން އަންނަ ހޯމަ ދުވަހަށް ނިންމައިފިއެވެ.
މިމައްސަލަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހެޅިއިރު، އެ ކޮމެޓީގައި އެ އަންހެން މުވައްޒަފާއި ފަޒީން ވެސް ވަނީ ހެކިބަސް ދީފަ އެވެ. ފަޒީނުގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން، މިއަދު ކޮމެޓީން ފަޒީނާއެކު ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައި އޮތްއިރު، ފަޒީންގެ ވަކީލުގެ އަނބިކަނބަލުން ބަލިވެ އުޅޭތީ އީމެއިލް މެދުވެރިކޮށް ކޮމެޓީއަށް ވަނީ އަންގާފައެވެ. އަދި ފަޒީން އަމިއްލައަށް ވެސް ވަނީ މިއަދުގެ ބައްދަލުވުން ފަސްކުރަން ވަކީލުގެ ކަންތަކަށް ރިޢާޔަތްކޮށް ސިޓީއެއް ހުށަހަޅުއްވާފައެވެ. އެހެންވެ އޭނާގެ އަޑުއެހުން ހޯމަ ދުވަހަށް އަލުން ތާވަލު ކުރީއެވެ.
ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ވިދާޅުވި ގޮތުގައި ފަޒީންގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީގައެވެ. ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނާއި ވާހަކަ ދެއްކުމަށްފަހު ކޮމިޓީން ފާހަގަކުރި ގޮތުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަންހެން މުވައްޒަފުގެ ގައިގައި “އެކަށީގެންނުވާ ގޮތަށް އަތްލުމުގެ އެތައް ހާދިސާއެއް” ފަޒީންގެ ފަރާތުން ކުރިމަތިވެފައި ވެއެވެ. އަދި އެހެން އަންހެން މުވައްޒަފަކު ވެސް ވަނީ ފަޒީންގެ ފަރާތުން އުނދަގޫ ކުރިމަތިވާ ކަމަށް ބުނެފައެވެ.
އެ މައްސަލަ ވަނީ އެ ކޮމިޝަނުގެ ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުގެ މެމްބަރުން ވެސް މައުލޫމާތުދެ އެވެ.
ކުރިން ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަޒީން، ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.