ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން ހަމަޖެހިފައިވާއިރު އޭނާއަށް އަށް ޗިޓް ނުފޮނުވުމުން ޝަރުއީ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރެވޭ ތަހުގީގާއި މެދު އިތުރު ސުވާލުތަކެއް އުފެދިއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި އެކުވެރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދާދި ފަހުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކޮށްފަ އެވެ. އަޒްމިރަލްދާގެ ފިރިމީހާ ޖިނާޢީ ކުށަކަށް އަރައިގަތުމުން އެކަމުން ސަލާމަތްކުރުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މަހާޒު މިއަދު ހާޒިރިކުރުމުން، އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.
މިއަދު ޖޭއެސްސީއަށް މަހާޒު ހާޒިރުކުރުމުން އޭނާ ވިދާޅުވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރިކަން އެނގިވަޑައިގަތް އިރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
އަޒްމިރަލްދާ މާދަމާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް މަސްދަރުތަކުން ކަށަވަރުކޮށްދެނީ އޭނާ އަށް ޗިޓް ފޮނުވާފައި ނުވާއިރު، އޭނާ ހާޒިރުކުރާނެ އާ ތާރީހެއް އަދި ސާފެއް ނުވާ ކަމަށެވެ.
އަޒްމިރަލްދާގެ ގާނޫނީ ޓީމުން ވަނީ ޝަރުއީ ނުފޫޒު އޮތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އަޒްމިރާލްދާގެ ފިރިމީހާގެ މައްސަލައާއި ގުޅޭގޮތުން އަޒްމިރަލްދާ އެއްވެސް ފަނޑިޔާރަކާއި ގުޅާފައި ނުވާ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވާފައި ނުވާކަން ޖޭއެސްސީއަށް ލިޔުމުން އަންގާފައިވާކަން ވެސް އެމީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.