ދިވެހި ބަހާއި ސަޤާފަތް ކުރިއެރުވުމަށްޓަކައި، ޒުވާން ޅެންވެރީން ބިނާކުރުމުގެ ޚާއްސަ ހަރަކާތްތަކެއް މިއަހަރު ހިންގުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަކަވަމުން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ އެކެޑެމީން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި އަމިއްލަ ޖަމްޢިއްޔާތަކާއި ފަރުދުންގެ ފެންވަރުގައި ވެސް ޅެންވެރިކަމަށް ޚިދުމަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިއަހަރުގެ ޅެންވެރީންގެ ޖަލްސާ ތަޚްޞީޞްކުރެވުނު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު ވިދާޅުވާ ފަދައިން، ޅެންވެރިކަމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. މި ބަދަލުތަކަށް މަރުޙަބާ ކިޔައި، ޒުވާން ޅެންވެރީން ބިނާކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މި އަހަރުތެރޭ ފަށްޓަވާނެ ކަމަށް ވަޒީރު އިޢުލާނުކުރެއްވިއެވެ.
މި މަސައްކަތުގެ ތެރެއިން، "ޅެން ފަރުވާ" ގެ ނަމުގައި އައު ޕްރޮގްރާމެއް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މިއީ "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ދެވިފައިވާ ނަމެކެވެ. ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން މި ނަން ކަނޑައަޅައި ފާސްކޮށްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
"ޅެން ފަރުވާ" އަކީ ބަލިމީހާގެ އިހްސާސްތަކާއި އުދާސްތަކާ ގުޅޭ ޅެންހެދުމާއި، ކިޔުމާއި، އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް ކަމަށް ބަސްކޮމިޓީން މާނަކޮށްފައިވެއެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސާނީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އައި ވަސީލަތެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
"ޅެން ފަރުވާ" ފެށުމަށް ޢިލްމީ ދިރާސާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވުޒާރައިން ފާހަގަކުރިއެވެ.