ސަރުކާރުން ރޯދައަށް ހަދިޔާ ކުރާ މަސްދަޅު ކޭސް، މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މިރޭ އަދި މާދަމާ ރޭވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން އެކަނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ރޯދަ މަހު ކޮންމެ ގެއަކަށް ވެސް ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭހެއް ދޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.