ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޢާންމުންނަށް އޮޅުވާލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަނެއްކާވެސް ފާޅުގައި ދޮގު ވާހަކަތަކާއި އޮޅުވާލުމުގެ ޢަމަލު ހިންގައިފިއެވެ. އެމީހުންގެ ނިފާޤުކަމުގެ ޙައްދެއް ނޭނގޭއިރު، އެމީހުންގެ އަމަލުތަކުން ސާފުކޮށް އެނގޭ ގޮތުގައި ދީން ބަދަލުކޮށްގެންވެސް އެމީހުންގެ ސިޔާސީ އެޖެންޑާ ހާސިލް ކުރުމަށް ފަސްނުޖެހޭނެއެވެ. އެހެންކަމުން، ފުލެޓްތަކާއި ގުޅުވައި ފަތުރާ ދޮގު ވާހަކަތައް އެކަމުގެ ޙަޤީޤަތްތަކާއި އެކު ފަޅާއަރުވަން ޖެހެ އެވެ.
އެމްޑީޕީން ފަތުރަމުންދާ އެންމެ ބޮޑު އެއް ދޮގަކީ ސަރުކާރުން އާ ބަޔަކަށް ފްލެޓް ރީއެލޮކޭޓް ކުރަމުންދާ ވާހަކައެވެ. ޙަޤީޤަތަކީ ޝަކުވާތައް ހައްލުވުމުގެ ކުރިން އެއްވެސް ފްލެޓެއް އެހެން މީހަކަށް ދޫކޮށްފައި ނުވާކަމެވެ. ފެބްރުއަރީ 27 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އެކަން ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. ހަމަ އެފަދައިން އެމްޑީޕީން ވަނީ 2018 ވަނަ އަހަރުގެ ޓްރާންސިޝަން މަރުޙަލާގައި ހައުސިން މިނިސްޓްރީން އެއްބާރުލުން ނުދިން ކަމަށް ބުނެ ވެސް ދޮގު ހަދާފައެވެ.
އެމްޑީޕީ ސަރުކާރުގައި 7،000 މީހުންގެ ލިސްޓެއް ހަދާފައި ވަނީ އެއްވެސް އުސޫލެއް ނެތި ޝަރުތު ހަމަނުވާ ވަރަށް ގިނަ ބަޔަކަށް ފުލެޓު ލިބޭ ގޮތަށްކަން އެންމެނަށް އެނގެއެވެ. އެއީ ޙަޤީޤަތެވެ. އެމްޑީޕީގެ ސަރުކާރުގައި އެ ހުރިހާ އެޕްލިކޭޝަންތަކެއް އަލުން އިވެލުއޭޓްކޮށް، ޑިއު ޕްރޮސެސްއަށް ފަރުވާލެއް ނުބަހައްޓައެވެ.
އަނެއް ބޮޑު ދޮގަކީ 2023 ވަނަ އަހަރުގެ ޓްރާންސިޝަން މަރުޙަލާގައި ހުރިހާ ކަމެއް ރަނގަޅަށް ހަވާލުކުރެވުނު ކަމަށް އެމީހުން ބުނުމެވެ. ހަގީގަތަކީ، ޓްރާންސިޝަންގެ ދުވަސްވަރު އެމްޑީޕީން ވަނީ އެ ސަރުކާރުގެ މަޢުލޫމާތުތައް ޙިއްސާކުރުމަށް ދެކޮޅު ހަދާފައެވެ. އަދި ފްލެޓް ލިސްޓް ޢާންމުކުރީ ވެރިކަން ނިމެން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ކަމަށް ރައްޔިތުން ދަނެއެވެ. އަދި އެންމެ ފަހު ވަގުތު އެއް ސަފުހާގެ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް މަސައްކަތް ކުރި އެވެ. ހަމައެހެންމެ، އެމްޑީޕީގެ ވެރިކަމުގައި ވަނީ އޭގެކުރީގެ ވެރިކަމުގައި ހަދާފައިވާ (2018ވަނަ އަހަރުގެ) ފްލެޓް ސްކީމްގެ ޑޭޓާބޭސް ވެސް ގެއްލިއްޖެ ކަމަށް ބުނެފައެވެ. އެކަމުގެ ފުރިހަމަ ޒިންމާ އެމީހުން ނަގަން ޖެހެ އެވެ.
އެމްޑީޕީގެ އަނެއް ބޮޑު އޮޅުވާލުމަކީ މިހާރުގެ ސަރުކާރުން މާކިން ސިސްޓަމް މެނިޕިއުލޭޓް ކޮށްފައިވާ ކަމަށް ބުނުމެވެ. ނަމަވެސް މާކްސް ދީފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހައުސިން ކޮމިޓީން ކަނޑައަޅާފައިވާ ގައިޑްލައިން ތަކަށް ބަލައިގެންނެވެ. 30 މާކްސް ލިބެންޖެހޭ ބަޔަކަށް 25 މާކުސް ދީފައިވާ ކަމަަށް ބުނެ އެމްޑީޕީން ވާހަކަދެއްކިއިރު އެކަން ހިނގީ އެހެނެއް ނޫނެވެ. އެކަން ހިނގާފައި ވަނީ އެޕްލިކެންޓް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ގައިޑްލައިނާއި އެއްގޮތަށެވެ. އެޕްލިކަންޓް ދީފައިވާ މަޢުލޫމާތާއި ޚިލާފަށް ނުބައިކޮށް ޕޮއިންޓްދީފައިވާ ނަމަ އެކަން ވާނީ އިޞްލާޙް ކޮށްފައެވެ. މިސާލަކަށް ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ނެތް ފަރާތަކަށް އެ މާކްސްތައް ދީފައި ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ.
ދެން އޮތީ މާލޭ ރަށްވެހިންގެ 316 މީހުން ލިސްޓުން ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ ޢާންމުން އޮޅުވާލަން އެމްޑީޕީން ހެދި ބޮޑު ދޮގެވެ. ޙަޤީޤަތަކީ ހަމައެކަނި ރެޒިޑެންސީ ކްރައިޓީރިއާއަށް ނުފެތޭ މީހުން ޑިސްކޮލިފައި ކުރި ކަމެވެ. ޤަވާޢިދުގައި ބުނެފައި ވަނީ ޝަރުތު ހަމަވާން މާލޭގައި 15 އަހަރު ދިރިއުޅެފައި އޮންނަން ޖެހޭނެ ކަމަށެވެ. މި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތައް އެގޮތަށް އިވެލުއޭޓް ކުރެވުނެވެ. ސަރުކާރުން އާ ޤަވާޢިދުތަކަކާއި، އާ އުޞޫލެއް ނަހަދައެވެ. ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންގޮސްފައިވަނީ “ގެދޮރުވެރިޔާގެ ކޮމިޓީގެ” ގައިޑްލައިންތަކާއި އެއްގޮތަށެވެ. ޝަރުތު ހަމަވާ ކަމަސް އެމްޑީޕީގެ ސަރުކާރުގައި ނެރެފައިވާ ލިސްޓުން އެއްވެސް ބޭފުޅަކު ނުޙައްޤުން ބާކީ ނުވާނެ ގޮތަށް ބައެއް ޙާލަތްތަކުގައި މި ސަރުކާރުން ވަނީ ލުއިފަސޭހަ ކޮށްފައެވެ. މިސާލަކަށް ފިރިމީހާ މާލޭގައި އުޅޭތާ 15 އަހަރު ނުވިޔަސް، އަނބިމީހާ މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާނަމަ އެކަމަށް ރިޢާޔަތްކޮށް އެފަދަ ފަރާތްތައް ލިސްޓުން އުނި ނުކުރެއެވެ.
ސަރުކާރުން ބުނީ ވެރިފިކޭޝަންގައި ބަލާފައި ވާނީ އެއް ހަމައަކުން ވީހާވެސް ބޮޑަކަށް ލުއި ދީގެން ފޯމްތައް ޗެކް ކުރުމަށެވެ. ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި އެފަދަ އެއްވެސް ލުޔެއް ދިނުމަށް އަދި ދޭނެ އުޞޫލެއް ބަޔާންކޮށްފައި ނުވާ ކަމަށާއި، އަދި ވަގުތީ ލިސްޓު އިޢުލާންކުރިއިރު ވަރަށް ގިނަ ފަރާތްތަކެއް ޝަރުޠު ހަމަނުވާ ކަމަށް ކަޑައަޅާފައި ވަނީ ކޮމިޓީގެ ގައިޑްލައިންގައިވާ ގޮތަށެވެ. ޝަކުވާގެ މުއްދަތުގައި އެހެން ގޮތަކަށް ޢަމަލުކޮށްފައި ވަނީ ހުރިހާ ފަރާތްތަކަކަށް އެކަން އެންގުމެއް ނެތި އެންމެންނަށް އުފުރުޞަތު ދިނުމަކާއި ނުލައެވެ.
އެމްޑީޕީގެ އެންމެ މުނާފިޤު އަނެއް ވާހަކަ އަކީ ދެމަފިރިންނަށް މިހާރު ހަމަ އެ ސްކީމްގެ ދަށުން ފްލެޓް ދީފައިވާ ކަމަށް ބުނާ ވާހަކައެވެ. ޙަޤީޤަތަކީ މި ސްކީމްގެ ދަށުން އެއްވެސް ދެމަފިރިއަކަށް ވަކި ދެ ފްލެޓް ދީފައި ނުވާކަމެވެ. ވެރިފިކޭޝަން ޕްރޮސެސްގެ ދަށުން ގޭބިސީއަކަށް ނުވަތަ އަނބިމީހާއާއި ފިރިމީހާ އަށް ދެފުލެޓް ދީފައެއް ނުވެއެވެ.
ކޮންމެޔަކަސް، މި ދޮގުތަކަކީ އެމްޑީޕީން ޢާންމުންނަށް އޮޅުވާލާފައިވާ ކަންކަމުގެ ކުޑަ އިންސައްތައެކެވެ. މިފަދަ މާތް މައްސަރުގައި ވެސް އެމްޑީޕީން މަސައްކަތް ކުރަނީ ތެދު ހެދެން އޮއްވައި ވެސް ދޮގު ހެދުމަށެވެ. ދޮގު ހަދައިގެން ރައްޔިތުންގެ މެދުގައި މި ރަމަޟާން މަހު ވެސް ފިތުނަ އުފެއްދުމަށެވެ. މިފަދަ އަސާސީ މައްސަލަތަކުގައި މިފަދަ މާތް މައްސަރުގައި ދޮގު ހަދާ ބަޔަކު ކުރިޔަށް އޮތް ތަނުގައި ވެސް ތެދެއް ހަދާނެ ހެއްޔެވެ؟ އެމީހުންގެ ނިފާޤު ކަމަކީ މުޅި ޤައުމަށް މިއަދު ޖެހިފައިވާ ބައްޔެކެވެ. ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާށެވެ. މިއީ އިންޒާރުގެ ނިޝާނެކެވެ. ފުރުޞަތު ލިބިއްޖެނަމަ، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި، ގައުމުގެ ދީން ވެސް ބަދަލުކޮށްލާކަށް ފަސްނުޖެހޭނެ މީހުން އެމްޑީޕީގެ ތެރޭގައި އެބަތިއްބެވެ.